53 ސެންޓަރެއްގައި އޭލެވެލް އިމްތިހާނު ފަށައިފި

އައްޑޫ ހައިސްކޫލް ދަރިވަރުން އޭ ލެވެލް އިމްތިހާން ހަދަނީ. ފޮޓޯ: މިހާރު
އައްޑޫ ހައިސްކޫލް ދަރިވަރުން އޭ ލެވެލް އިމްތިހާން ހަދަނީ. ފޮޓޯ: މިހާރު

މިއަހަރުގެ މަތީ ސާނަވީ (އޭލެވެލް) އިމްތިހާނު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މިއަދުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އިމްތިހާނުގައި މިއަހަރު 4،900 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެއެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ އިމްތިހާނުގައި ޖުމްލަ 4،973 ދަރިވަރުން ބައިވެރިވެއެވެ. މީގެ ތެރެއިން މާލޭ ސަރަހައްދުން އޭލެވެލް އިމްތިހާނުގައި 3،284 ދަރިވަރުން ބައިވެރިވާއިރު، އެޗްއެސްސީ އިމްތިހާނުގައި 1،357 ދަރިވަރުން ބައިވެރިވެއެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުން އޭލެވެލް އިމްތިހާނުގައި 1،689 ދަރިވަރުން ބައިވެރިވާއިރު، އެޗްއެސްސީ އިމްތިހާނުގައި ބައިވެރިވަނީ 906 ދަރިވަރުންނެވެ.

މިއަހަރުގެ މަތީ ސާނަވީ އިމްތިހާނުތައް ކުރިއަށްދަނީ މުޅި ރާއްޖޭގައި ގާއިމުކޮށްފައިވާ ޖުމްލަ 53 ސެންޓަރެއްގައެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުގެ ހަތަރު ސެންޓަރަކާއި، އަތޮޅުތެރޭގެ ރަށްރަށުގައި ގާއިމުކޮށްފައިވާ 49 ސެންޓަރެކެވެ. އިމްތިހާނުގެ ކަންކަން ހުރިހާ ސެންޓަރެއްގައިވެސް އޮމާންކަމާއެކު ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

މަތީ ސާނަވީ އިމްތިހާނު ފެށުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ. ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމަށާއި، ވަކިން ހާއްސަކޮށް މަތީ ތައުލީމު އުނގެނޭނެ ދާއިރާއެއް ހިޔާރުކޮށް ކުރިއަށް ދިއުމުގައި މަތީ ސާނަވީ އިމްތިހާނަކީ ވަރަށް މުހިންމު މަރުހަލާއެއް ކަމަށެވެ.

މީގެއިތުރުން، އިމްތިހާނަށް ތައްޔާރުވުމަށް ދަރިވަރުން ކުރި ބުރަ މަސައްކަތުގެ ފޮނިމޭވާ ލިބި، މާތްﷲގެ ހެޔޮ ރަހުމަތްފުޅާއެކު ފަސޭހަކަމާއެކު އިމްތިހާނަށް ޖަވާބުދީ، އެންމެން ފަހުރުވެރިވާނެ ފަދަ ރަނގަޅު ނަތީޖާތަކެއް ގައުމަށް ހޯދައިދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ