ޕްރޮސިކިއުޝަންގައި އޭއައި ބޭނުންކުރާ އޮނިގަނޑު އެހެން ގައުމުތަކަށް ހިލޭ ދިނުމަށް ރާއްޖެއިން ނިންމައިފި

HTM40ibXAAATFWb

ޖިނާއީ މައްސަލަތައް ބެލުމާއި ދައުވާކުރުމުގެ މަރުހަލާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމަށް ރާއްޖެއިން އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑު، ދުނިޔޭގެ އެހެން ގައުމުތަކަށް ހިލޭ ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ ބައްދަލުވުމެއްގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2025 ވަނަ އަހަރު އިޢުލާން ކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރާ އެއްގޮތަށް ޕީޖީ އޮފީހުގެ މަސައްކަތްތައް މިހާރު ޑިޖިޓަލްކޮށްފައިވާ ކަމަށެވެ. އަދި ޕީޖީ އޮފީހަކީ އެ ތަސައްވުރަށް ވާސިލުވި ރާއްޖޭގެ ފުރަތަމަ މުއައްސަސާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ތަސައްވުރުގެ ދަށުން ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

"ޕީޖީއޯ 2.0" ގެ ދަށުން އޭއައި ބޭނުންކުރަން ފެށި ނަމަވެސް، ދައުވާކުރުމާ މެދު ގޮތް ނިންމާނީ ޕްރޮސެކިއުޓަރުން އަމިއްލައަށް ކަމަށާއި، އޭއައި ބޭނުންކުރަނީ އެހީތެރިއެއްގެ ގޮތުގައި ކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި ކޯޓުތަކަށް މައްސަލަ ހުށަހަޅާއިރު އޭއައި ބޭނުންކޮށްފައިވާ ނަމަ އެކަން ހާމަކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. މި ނިޒާމުގެ މަސައްކަތްތައް 2028 ވަނަ އަހަރުގެ ނިޔަލަށް މުޅިން ނިންމައި، ބޭނުންވާ ގައުމުތަކަށް މި އޮނިގަނޑު ހިލޭ ފޯރުކޮށްދޭނެއެވެ.

ރާއްޖޭގައި ސައިބަރ ކްރައިމް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތައް މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ދެގުނަ އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ޕީޖީ ވިދާޅުވީ، ހެކި ހޯދުމުގެ ދަތިތަކާއި މާލީ މައްސަލަތަކުގެ ސަބަބުން ޕީޖީ އޮފީހަށް ހުށަހެޅެނީ މަދު މައްސަލައެއް ކަމަށެވެ. މިކަމަށް ހައްލެއް ހޯދުމަށްޓަކައި ބުޑަޕެސްޓް ކޮންވެންޝަނާ އެއްގޮތަށް ގާނޫނުލްއުގޫބާތާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިއަހަރު އިސްލާހު ގެނެސްފައިވާ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ