އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހައި-ލެވެލް ހަފުތާގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މި ސަމިޓުގައި ނައިބު ރައީސް ވަނީ ރާއްޖެއިން އެންމެ އިސްކަމެއްދޭ ކަންތައްތައް ކަމުގައިވާ އިންސާފުވެރި ވެރިކަމުގެ ނިޒާމަކާއި، މޫސުމީ ވިލުންތެރިކަމުގެ އިތުރުން ކުދި ޖަޒީރާ ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ބައިނަލްއަގުވާމީ މައިދާނުގައި ހާމަކުރައްވާފައެވެ.
އދ. ގެ އާންމު ބަހުސްގައި ރާއްޖޭގެ ފަރާތުން ގައުމީ ބަޔާން އިއްވަވަމުން، ކޮންމެ ގައުމަކަށްމެ އެ ގައުމެއްގެ އަމިއްލަ މުސްތަގުބަލު ބައްޓަންކުރުމުގެ އަސާސީ ހައްގު ލިބިގެންވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ކުދި ގައުމުތަކުގެ ސަލާމަތަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަކީ، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާ ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، 1967 ގެ ކުރީގެ ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި އެމަނިކުފާނު ވަކާލާތު ކުރެއްވިއެވެ. އަދި އދ. ގެ ސަލާމަތީ މަޖިލީހުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދައުރުވާ ގޮނޑިއެއް ކަނޑައެޅުމަށާއި، އދ. ގެ ނިޒާމަށް ފުރިހަމަ އިސްލާހީ ބަދަލުތަކެއް ގެނައުމަށްވެސް ގޮވާލެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުއްވާލައްވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައިވެސް ނައިބު ރައީސް ތަގުރީރު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލި ރަށްތައް ގިރަމުންދާ ދިއުމަށް ރާއްޖެއިން ދޭ ޖަވާބަކީ، ފަހަތަށް ޖެހުމެއް ނެތި ވިލުންތެރިކަން އިސްކުރުން ކަމަށެވެ. އަދި މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ހިލޭ އެހީ، ފުޅާ ދާއިރާއެއްގައި އަވަހަށް ލިބިދިނުމަށް އިލްތިމާސް ކުރައްވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ގާނޫނީ ގޮތުން ބަލައިގެންފައިވާ ކަނޑުގެ ސަރަހައްދީ އިންތައް އުނިވާންޖެހޭނެ ނުވަތަ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އުފެދިފައިވާ ދައުލަތެއް ނެތިގެންދާންޖެހޭ ސަބަބެއް ނޫން ކަމުގައި ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމުގެ ގޮތުން، ނައިބު ރައީސް ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާން އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވަވާފައެވެ. އަދި ޗައިނާއިން އިންތިޒާމުކުރި ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގައިވެސް އެމަނިކުފާނު ތަގުރީރު ކުރެއްވިއެވެ.