އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ގައި އިންޓަޕޯލްގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ އެ ކޮލެޖުގެ ތާރީޚުގައި އެތަނުގައި ކުރިއަށްގެންދާ ފުރަތަމަ ބައިނަލްއަޤްވާމީ ކޯސް ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
އައްޑޫ ޕޮލިސް ކޮލެޖުގައި ފަށާފައިވަނީ އިންޓަޕޯލްގެ ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރެއިނިންގ ޑިރެކްޓަރޭޓްގެ ފްލެގްޝިޕް ޕްރޮގްރާމެއް ކަމަށްވާ "އިންސްޓްރަކްޓަރ ޑިވެލޮޕްމަންޓް ކޯސް" އެވެ. މި ތަމްރީނު ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެންސީޕީއެލްއީގެ އައްޑޫ ކެމްޕަހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އެ ކޮލެޖުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އަޙްމަދު ޢަބްދުއްރަޙްމާން ވިދާޅުވީ، މިއީ އެންސީޕީއެލްއީގެ އައްޑޫ ކެމްޕަހުގައި ބޭއްވޭ ބައިނަލްއަޤްވާމީ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ކަމަށާއި، މިއީ އެ ކޮލެޖަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއްގެ އިތުރުން ތާރީޚީ ކާމިޔާބީއެއް ކަމަށެވެ.
އިންޓަޕޯލްގެ އެކި ސަރަޙައްދުތައް ތަމްސީލުވާ ގޮތަށް 13 ޤައުމަކުން ޖުމްލަ 23 އޮފިސަރުން މި ޕްރޮގްރާމުގައި ބައިވެރިވެއެވެ. މި ތަމްރީނަކީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އޮފިސަރުންނަށް އުނގަންނައިދިނުމުގެ އަސާސީ އަދި ފަންނީ މެތޮޑޮލޮޖީތައް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ޚާއްޞަ ކޯހެކެވެ. މީގެ އިތުރުން ބޮޑެތި މީހުންނަށް ކިޔަވައިދިނުމުގެ އުސޫލުތަކާއި، އިންސްޓްރަކްޝަނަލް ސިސްޓަމް ޑިޒައިނިންގ އަދި ޒަމާނީ ފުލުހުންގެ ތަމްރީނުތަކުގައި ބޭނުންކުރާ ހަރުދަނާ އުކުޅުތަކަށް ބައިވެރިން އަހުލުވެރިކުރުވުން މި ކޯހުގެ ތެރެއިން ހިމެނެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން، އަމިއްލަ ލެސަން ޕްލޭންތައް ތައްޔާރުކުރުމާއި، ޕަބްލިކް ސްޕީކިންގ އަދި ޕްރެޒެންޓޭޝަން ހުނަރުތައް ތަރައްޤީކުރުމުގެ އިތުރުން ފެންވަރު ވަޒަންކުރުމުގެ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދެވޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ތަމްރީނަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ފުލުހުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް، މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ލިބުނު ރަނގަޅު ފުރުޞަތެއް ކަމަށްވެސް ފުލުހުން ފާހަގަކުރައްވައެވެ.