ތައިލެންޑަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން، އެ ޤައުމުގެ ބޮޑުވަޒީރު އަނުތިން ޗާންވިރަކުލްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ކާރިސާގައި ގިނަ ބަޔަކު މަރުވެ، އެތައް ބައެއްގެ ގެދޮރު ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ތައިލެންޑުގެ ބޮޑުވަޒީރަށާއި ސަރުކާރަށް އަދި އެ ޤައުމުގެ ރައްޔިތުންނަށް، ޚާއްޞަކޮށް ކަރަންޓުގައި ޖެހުމާއި ގެނބުމުގެ ހާދިސާތަކުގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ރައީސް ވަނީ ތައުޒިޔާ ރައްދުކުރައްވާފައެވެ.
މީގެއިތުރުން، މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، މިހާރު ކުރިއަށްދާ މީހުން ސަލާމަތްކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށްދިއުމަށް އެމަނިކުފާނު އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި މިހާތަނަށް އަށް މީހަކު ވަނީ މަރުވެފައެވެ.