ދިވެހިރާއްޖެއާއި ގަތަރާ ދެމެދު އޮތް އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ގައުމުގެ މެދުގައި މަތީ ފަންތީގެ ރަސްމީ މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ މާލީ ވަޒީރު ހަސަން ޒަރީރު، ގަތަރުގެ ވެރިރަށް ދޯހާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ މާލީ ވަޒީރު އަލީ ބިން އަހުމަދު އަލް ކުވާރީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ދޯހާގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގޮތުން އެއްބާރުލުން އިތުރުކުރެވިދާނެ އައު ދާއިރާތަކާ ބެހޭގޮތުން ދެ ވަޒީރުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކެވިއެވެ. މިގޮތުން ރާއްޖޭގެ އިގްތިސާދުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް ހުރި ފުރުސަތުތަކާއި، ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތައް އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް ބިނާކޮށް، ދެފަރާތުގެ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށާއި، ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުން ހޯދުމަށް ގުޅިގެން މަސައްކަތް ކުރުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ.
ގަތަރަކީ ޒަމާނުއްސުރެ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދަށުން، އެކުވެރި ގައުމުތަކާއެކު އޮންނަ އިގްތިސާދީ ގުޅުންތައް ވަރުގަދަކޮށް، ބޭރުގެ އިންވެސްޓްމަންޓްތަކަށް ރާއްޖޭގައި ފަހި މާހައުލެއް ގާއިމުކުރުމަށް ހާއްސަ އިސްކަމެއް ދެއްވައެވެ.