އޭއައި މާސްޓާ ޕްލޭންގެ ފުރަތަމަ ޑްރާފްޓް އެކުލަވައިލައިފި

މޯލްޑިވްސް 2.0 އިފްތިތާހުކުރުމުގެ ޖަލްސާގެ ތެރެއިން ފޮޓޯ: ރައީސް އޮފީސް
މޯލްޑިވްސް 2.0 އިފްތިތާހުކުރުމުގެ ޖަލްސާގެ ތެރެއިން ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން އެކުލަވައިލާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މާސްޓާ ޕްލޭންގެ ފުރަތަމަ ޑްރާފްޓް އެކުލަވައިލުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އާންމުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ބާއްވާ "އަހާ" ފޯރަމުގައި ވާހަކަދައްކަވަމުން ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ، ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށްޓަކައި ހިންގާ "މޯލްޑިވްސް 2.0" މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދާ އެންމެ މުހިންމު އެއް މަސައްކަތަކީ އޭއައި މާސްޓާ ޕްލޭން އެކުލަވައިލުން ކަމަށެވެ. އަދި މި ޕްލޭން އެކުލަވައިލުމުގައި ބައިނަލްއަގްވާމީ ދިރާސާތަކަށާއި، ކުރިއަރާފައިވާ ގައުމުތަކުގެ ތަޖުރިބާތަކަށް ރިއާޔަތްކޮށްފައިވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިހުސާން ވިދާޅުވި ގޮތުގައި، މާސްޓާ ޕްލޭންގެ ފުރަތަމަ ޑްރާފްޓް މިހާރު ވަނީ ނިމިފައެވެ. އަދި ވަރަށް އަވަހަށް އެ ޕްލޭނާ އެއްގޮތަށް އޭގައި ހުރި ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އޭއައި އަކީ ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ދާއިރާ ކަމަށްވާއިރު، ސަރުކާރު ހިންގުމުގެ ދާއިރާގައާއި، ކުދިންގެ ކިޔެވުމުގެ ދާއިރާގެ އިތުރުން ހިދުމަތް ދިނުމުގެ އެކި ދާއިރާތަކުގައި އޭއައި ބޭނުންކުރުމުގެ ކަންކަން މި މާސްޓާ ޕްލޭންގެ ތެރެއިން ތަންފީޒުކުރަމުން ގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މޯލްޑިވްސް 2.0" އަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން، ޑިޖިޓަލް ދާއިރާއިން ރާއްޖެއަށް އިންގިލާބީ އަދި ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި ސަރުކާރުން އިފްތިތާހުކޮށްފައިވާ ގައުމީ ޕްރޮގްރާމެކެވެ. މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ހިންގުން ޒަމާނީ "ސްމާޓް" ނިޒާމަކަށް ބަދަލުކޮށް، ކޮރަޕްޝަނަށް އޮތް ފުރުސަތުތައް ނައްތާލައި، ދެފުށް ފެންނަ ހަލުވި ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

މި އިސްލާހީ ފިޔަވަޅުތަކާއެކު ހިދުމަތް ހޯދުމަށް ކިއުގައި ތިބެންޖެހޭ ތަކުލީފު ނިމުމަކަށް އައިސް، ލުއިފަސޭހަކަމާއެކު ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. އަދި ހިދުމަތް ހޯދުމުގައި ރަށްތައް ވަކިވަކިވެފައި އޮންނަ އޮތުން ބަދަލުވެ، އެއް ވިއުގައަކުން ގުޅައިލެވިފައިވާ ގައުމީ ފެންވަރުގެ ހިދުމަތެއްގެ ތަޖުރިބާ ރައްޔިތުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، ހިދުމަތް ލިބުމުގައި ދިމާވާ ލަސްތަކަށް ދާއިމީ ހައްލެއް ހޯދައިދީ، ނަތީޖާއަށް އަމާޒުކޮށްގެން ހިންގޭ އަދި އާންމުންނަށް އިތުބާރު ހިފޭ، ދެފުށް ފެންނަ ހުޅުވާލެވިފައިވާ ހިދުމަތުގެ ނިޒާމެއް މި މަޝްރޫއުގެ ތެރެއިން ގާއިމުވެގެންދާނެ ކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ