ތައިލެންޑުގެ ބެންކޮކްގައި ފެންބޮޑުވެ 7 ލައްކައަށްވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެ

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ފެންބޮޑުވުމާ ގުޅިގެން މަގުތަކުގައި ފެންބޮޑުވެފައިވާ މަންޒަރު ފޮޓޯ: އޭއެފްޕީ
ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ފެންބޮޑުވުމާ ގުޅިގެން މަގުތަކުގައި ފެންބޮޑުވެފައިވާ މަންޒަރު ފޮޓޯ: އޭއެފްޕީ

ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ކުރިމަތިވި ފެންބޮޑުވުމުގެ ސަބަބުން 329,000 އަށްވުރެ ގިނަ އާއިލާއަކަށް ނިސްބަތްވާ ގާތްގަނޑަކަށް 700,000 މީހުންނަށް އޭގެ އަސަރުކޮށްފައިވާ ކަމަށް ބެންކޮކް މެޓްރޮޕޮލިޓަން އެޑްމިނިސްޓްރޭޝަން (ބީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެ ސިޓީގެ ޑެޕިއުޓީ ގަވަރުނަރު ޓަވީދާ ކަމޯލްވޭ ވިދާޅުވި ގޮތުގައި، ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ލާތު ކްރާބަންގް އަވަށަށެވެ. އެ އަވަށުން އެކަނިވެސް 30,000 އާއި 40,000 އާ ދެމެދުގެ އަދަދަކަށް މީހުން ހާލުގައި ޖެހިފައިވެއެވެ. މީގެ އިތުރުން ބަންގް ކާޕީ އަވަށުން 20,000 މީހުންނަށާއި، ކަނަޔައޮ އަވަށުން 30,000 އާއި 40,000 އާ ދެމެދުގެ އަދަދެއްގެ މީހުންނަށް ވަނީ އަސަރުކޮށްފައެވެ. އަދި ކޯރުތަކާއި ކެނަލްތަކާ ކައިރީގައި އޮންނަ ލަކްސީ، ސަޕަން ސުންގް އަދި ސުއަން ލުއަންގް އަވަށުން 10,000 އެއްހާ މީހުންނަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެންބޮޑުވި ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ބީއެމްއޭއިން ދަނީ ކުރަމުންނެވެ. އެގޮތުން ފެންބޮޑުވި ގެތަކުގައި ތިބި އެނދުމަތިވެފައިވާ 1,500 އެއްހާ މީހުން މިހާރު ވަނީ ބީއެމްއޭގެ ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައެވެ. ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޯފެނާއި ހިކިކާނާ ބޭނުންވެފައިވާއިރު، އެހީ ފޯރުކޮށްދިނުމަށް މޮބައިލް ބަދިގެތަކާއި، އުސް އުޅަނދުތަކާއި ކުދި ބޯޓުފަހަރު ބޭނުންކުރަމުންދާ ކަމަށް ބީއެމްއޭއިން ބުނެއެވެ.

ބެންކޮކްގެ ގަވަރުނަރު ޗަދްޗަތު ސިތިޕުން ވިދާޅުވީ، މަގުތަކުން ފެން ހިންދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމަށާއި، ކެނަލްތަކުގެ ފެންގަނޑު ތިރިވުމުން އަވަށްތަކުން ފެން ހިނދެން ފަށާނެ ކަމަށެވެ. އަދި ބިންގަނޑު ތިރި ސަރަހައްދުތަކުގައި ފެން ހިންދާ ޕަންޕުތައް ބަހައްޓަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ސިޓީގެ ޑެޕިއުޓީ ގަވަރުނަރު ވިސަނޫ ސުބްސޮމްޕާން ވިދާޅުވި ގޮތުގައި، އިރުމަތީ ބެންކޮކްގެ މައި ކެނަލްތަކުން ފެން ހިންދުމަށް ތިން ދުވަސް ހޭދަވާނެއެވެ. އަދި އެންމެ ބޮޑަށް ފެންބޮޑުވެފައިވާ ލާތު ކްރާބަންގް ސަރަހައްދުން ފެން ހިންދައި އާންމު ހާލަތަކަށް ގެނައުމަށް ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ