ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބޭރުގެ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ ދެ މީހުންނެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 47 އަހަރުގެ ނިއްކަ ތަމަންގް އާއި 40 އަހަރުގެ އީތްރާނީ ގަލެ އެވެ. މި ދެ މީހުންނަކީ ވައިގެ މަގުން ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްގެން އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންނެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މި ދެ މީހުން ފުލުހުންނާ ހަވާލުކުރުމުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން އެ މީހުން ހައްޔަރުކޮށްފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، އެ މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އަޅާފައި ހުރި 142 ބުލެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނުގައި 1.5 ކިލޯއަށްވުރެ އިތުރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުން 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.