ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ފަޅުރަށްތަކުގެ ތެރެއިން، ހުށަހަޅާފައިވާ މަސައްކަތުގެ ޕްލޭނާ އެއްގޮތަށް އަމަލީ މަސައްކަތް ކުރިއަށް ނުގެންދާ ރަށްތަކުގެ އެއްބަސްވުންތައް ބާތިލުކުރަން ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އެވެ. ރޭ ބޭއްވި "އަހާ" ފޯރަމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހުން ފެށިގެން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ އިންސްޕެކްޝަންތައް ކުރިއަށްދާ ކަމަށެވެ. މި އިންސްޕެކްޝަންތަކުގެ ބޭނުމަކީ ރަށްތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ވޯކް ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަން ކަށަވަރުކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ ފަދަ ކުޑަ އާބާދީއެއް އޮތް ގައުމެއްގައި ގިނަ އަދަދެއްގެ ރަށްތައް ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ނަމަވެސް މަސައްކަތް ނުކޮށް އޮތުމަކީ، މި ދާއިރާއިން ބޭރުގެ އަދި އެތެރޭގެ އިންވެސްޓްމަންޓްތައް ހޯދުމަށް އޮތް ބޮޑު ހުރަހެކެވެ. އަދި އެ ރަށްތަކުގައި އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވޭނަމަ، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތައް މަދުކޮށް، ރާއްޖޭގައި އުފައްދާ މިންވަރު އިތުރުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެއްބަސްވުންތައް ބާތިލުކުރުމުގެ ކުރިން، ވޯކް ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށްގެންދިއުމަށް ވަކި މުއްދަތެއް ދެވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެ މުއްދަތުގައި މަސައްކަތް ރަނގަޅު ނުކޮށްފިނަމަ، އެއްބަސްވުން ބާތިލުކޮށް ރަށްތައް އަނބުރާ ދައުލަތަށް ނަގާނެއެވެ. އަދި މިފަދަ ފިޔަވަޅުތައް އެޅުމުގައި ސިޔާސީ އެއްވެސް ފިއްތުމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.