ނުރައްކާތެރި ކެމިކަލް ވިއްކާ ވިޔަފާރިތައް ރަޖިސްޓްރީކޮށް، ހުއްދަ ހޯދުމަށް ދީފައިވާ މުއްދަތު ދިފާޢީ ވުޒާރާއިން އިތުރު އެއް މަސްދުވަހަށް އިތުރުކޮށްފިއެވެ.
ދިފާޢީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ނުރައްކާތެރި ކެމިކަލާ ބެހޭ ޤަވާއިދުގެ ދަށުން ކެމިކަލް ވިއްކުމާއި ރައްކާކުރުމަށް ބޭނުންކުރާ ތަންތަން އެ ވުޒާރާގެ "މަކުޑި" ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ޖެހެއެވެ. ނަމަވެސް، މިހާތަނަށް ހުއްދައަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އަދަދު މަދުވުމާ ގުޅިގެން، ރަޖިސްޓްރީވުމުގެ މުއްދަތު މިހާރު ވަނީ އަންނަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކޮށް ކެމިކަލްގެ ވިޔަފާރިކުރާ ފަރާތްތަކާމެދު ޤަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ދިފާޢީ ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން، އެފަދަ ފަރާތްތަކަށް ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދެން ނުދޭނެ ކަމަށްވެސް އެ ވުޒާރާގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
މާލޭގައި ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފަށް ކެމިކަލް ގުދަންކުރުމުގެ ސަބަބުން މީގެ ކުރިންވެސް ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވެއެވެ. އެގޮތުން 2019 ވަނަ އަހަރު ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާގައި މީހަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރެވުނެވެ. ނަމަވެސް، އޭގެ ފަހުންވެސް ޤަވާއިދާ ޚިލާފަށް ކެމިކަލް ރައްކާކޮށްފައި ހުރި ތަންތަން ފެނިފައިވާއިރު، މިއަހަރުގެ ތެރޭގައިވެސް ކެމިކަލް ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ.