2026 ވަނަ އަހަރުގެ "އިންޑިއަން އޯޝަންސް ލީޑިންގ އެއާޕޯޓް" އެވޯޑް ވީއައިއޭ އިން ކާމިޔާބުކޮށްފި

ވީއައިއޭގެ ފަރާތުން  އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު އެވޯޑާ ހަވާލުވެވަޑައިގަންނަވަނީ. ފޮޓޯ: އެމްއޭސީއެލް
ވީއައިއޭގެ ފަރާތުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު އެވޯޑާ ހަވާލުވެވަޑައިގަންނަވަނީ. ފޮޓޯ: އެމްއޭސީއެލް

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ސެގްމެންޓުން ހޮވާ "އިންޑިއަން އޯޝަންސް ލީޑިންގ އެއާޕޯޓް 2026" ގެ އެވޯޑް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ކާމިޔާބުކޮށްފިއެވެ. މިއީ އިންޑިއަން އޯޝަން ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ އެއާޕޯޓުގެ ޝަރަފު ވީއައިއޭ އިން ހާސިލުކުރި 13 ވަނަ ފަހަރެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން ގާލާ ސެރެމަނީގައި ވީއައިއޭގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. މި އެވޯޑަކީ ރާއްޖޭގެ މައި ދޮރާށިން ދަތުރުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އެއާޕޯޓުގެ އޮޕަރޭޝަންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރަމުންދާކަމުގެ ހެއްކެކެވެ.

މިއަހަރުގެ މި ކެޓަގަރީން އެވޯޑް ހޯދުމަށް ވީއައިއޭއާ އެކު ސަރަހައްދުގެ ބޮޑެތި އެހެން އެއާޕޯޓުތަކެއް ވާދަކޮށްފައިވެއެވެ. އޭގެ ތެރޭގައި މަޑަގަސްކަރައިގެ އިވާޓޯ އިންޓަނޭޝަނަލް އެއާޕޯޓާއި، ރީޔޫނިއަންގެ ރޯލަންޑް ގަރޯސް އެއާޕޯޓާއި، ސީޝެލްސް އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މޮރިޝަސްގެ ސަރ ސީވޫސަގުރ ރާމްގޫލަމް އިންޓަނޭޝަނަލް އެއާޕޯޓު ހިމެނެއެވެ. މި ފަދަ ވަރުގަދަ އެއާޕޯޓުތަކަކާ ވާދަކޮށް ވީއައިއޭ އިން މި ޝަރަފު ހޯދުމަކީ ގައުމީ ފަތުރުވެރިކަމުގެ ސިނާއަތަށާއި މުޅި ރާއްޖެއަށް ލިބުނު ފަޚުރުވެރި ކާމިޔާބީއެކެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ، މިއީ އެއާޕޯޓުގެ މުވައްޒަފުން ކުރި ބުރަ މަސައްކަތާއި، ވީއައިއޭގެ ތަރައްގީއަށް ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ އިތުރުން އެއާޕޯޓުގެ ބައިވެރިންގެ ފަރާތުން ލިބޭ އަގުހުރި އެއްބާރުލުމުގެ ނަތީޖާ ކަމަށެވެ. އަދި ރާއްޖޭގެ މައި ދޮރާށީގެ ހައިސިއްޔަތުން، ޚިދުމަތުގެ ފެންވަރު މަތިކޮށް، ދަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމާއެކު، ވީއައިއޭ އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރެވޭނެ ޒަމާނީ އެއާޕޯޓަކަށް ހެދުމަށް އަބަދުވެސް އިސްކަންދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވީއައިއޭގެ އުމްރާނީ ތަރައްގީއާއި ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާއިރު، ދަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށްޓަކައި ޓާމިނަލްގެ އެކި ސަރަހައްދުތަކަށް ޒަމާނީ އައު ވަސީލަތްތަކާއި ޚިދުމަތްތައް ދަނީ އިތުރުކުރެވެމުންނެވެ. މިގޮތުން ގެނެވޭ ހެޔޮ ބަދަލުތަކާއެކު، އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެ، އެއާޕޯޓުން ޚިދުމަތް ހޯދާ ކޮންމެ ދަތުރުވެރިއަކަށްވެސް ލުއިފަސޭހަ އަދި ހިތްފަސޭހަ މާހައުލެއް ކަށަވަރުވެގެންދާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑުތައް ދިނުމުގައި ބަލަނީ ޚިދުމަތްތަކުގެ ފެންވަރާއި، ކަސްޓަމަރުންގެ ހިތްހަމަޖެހުމާއި، އަދި އުމްރާނީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން އެއާޕޯޓުތަކަށް ގެނެވޭ ކުރިއެރުންތަކަށެވެ. ވީއައިއޭ އިން މި އެވޯޑު 13 ވަނަ ފަހަރަށް ހޯދުމުން ދޭހަކޮށްދެނީ، ސަރަހައްދީ ފެންވަރުގައި އެއާޕޯޓުން ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ހިފަހައްޓައި، އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ކާމިޔާބީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ