މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތިރުގެ އަނބިކަނބަލުން އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތިރު މުހައްމަދާއި އަނބިކަނބަލުން ސިއްތި ހަސްމާ
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތިރު މުހައްމަދާއި އަނބިކަނބަލުން ސިއްތި ހަސްމާ

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތިރު މުހައްމަދުގެ އަނބިކަނބަލުން ސިއްތި ހަސްމާ މުހައްމަދު އަލީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނަށް ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، ސިއްތި ހަސްމާ އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައަކާއެކު ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެކަމަނާ މެލޭޝިޔާގެ ތަރައްގީއަށާއި ރައްޔިތުންނަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ މައްޗަށް ރައީސްގެ މެސެޖުގައި އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން، އެކަމަނާއަކީ މެލޭޝިޔާގެ ފުރަތަމަ އަންހެން ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްކަން ފާހަގަކުރައްވައި، ދަރިމައިވުމުގެ ސިއްހަތާއި ރަށްފުށުގެ އަންހެނުން ބާރުވެރިކުރުވުމަށް އެކަމަނާ ކުރެއްވި މުހިއްމު މަސައްކަތްޕުޅުތަކަށް ރައީސް ތައުރީފު ކުރެއްވިއެވެ. މީގެ އިތުރުން، މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށާއި އާއިލީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސިއްތި ހަސްމާ ކުރެއްވި މަސައްކަތްތަކަކީ މުޖުތަމައަށް ހިދުމަތްކުރުމުގައި ނަމޫނާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ފޮނުއްވި މި ތައުޒިޔާގެ މެސެޖުގައި، ރައީސް ވަނީ ޑރ. މަހާތިރަށާއި އެމަނިކުފާނުގެ އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާކުރައްވާފައެވެ. އަދި ސިއްތި ހަސްމާގެ ހެޔޮ އަމަލުތައް ގަބޫލުކުރައްވައި، އެކަމަނާއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދިވަޑައިގަންނަވަމުން ރައީސްގެ މެސެޖު ނިންމަވާލެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ