ގދ. ތިނަދޫ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ

ގދ. ތިނަދޫގައި ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދަނީ
ގދ. ތިނަދޫގައި ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދަނީ ފޮޓޯ: އެމްޓީސީސީ

ގދ. ތިނަދޫގައި ކޯލްޑް ސްޓޯރޭޖްގެ ސިވިލް މަސައްކަތްތައް ގާއިމުކުރުމުގެ މަޝްރޫއު ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މި މަޝްރޫއަކީ އެ ރަށުގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ބަދަލެއް ގެނުވާނެ މަޝްރޫއެކެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މިހާރު ކުރިއަށްދަނީ އިދާރީ އިމާރާތާއި، ކޯލްޑް ސްޓޯރޭޖްގެ އިތުރުން ކެމިކަލް އަދި ލޮނު ރައްކާކުރާ ގުދަންތައް ބިނާކުރުމުގެ މަސައްކަތްތަކެވެ. މި މަޝްރޫއުގެ ދަށުން 4,790 އަކަފޫޓުގެ އިދާރީ އޮފީސް އިމާރާތަކާއި، 261 އަކަފޫޓުގެ ކެމިކަލް ރައްކާކުރާ އިމާރާތެއްގެ އިތުރުން 266 އަކަފޫޓުގެ ލޮނު ރައްކާކުރާ އިމާރާތެއް އެޅުން ހިމެނެއެވެ. މީގެއިތުރުން، 3,050 އަކަފޫޓަށްވުރެ ބޮޑު ސަރަހައްދެއްގައި ކޮންކްރީޓް ޕޭވިން އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.

ތިނަދޫގައި މިފަދަ ވަސީލަތެއް ގާއިމުވުމަކީ އެ ރަށުގެ އިގްތިސާދަށާއި މަސްވެރިންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ. މި ކޯލްޑް ސްޓޯރޭޖްގެ ސަބަބުން ބާނާ މަސް ތާޒާކަންމަތީ ގިނަ ދުވަހު ރައްކާކުރެވި، މަސް ކައްކާ ހިއްކާ ފަރާތްތަކަށް މެދުކެނޑުމެއްނެތި މަސް ލިބުމުގެ މަގު ފަހިވެގެންދާނެއެވެ. މިއާއެކު، މަސް އުކާލަންޖެހޭ މައްސަލައަށް ހައްލެއް ލިބި، މަސްވެރިންގެ އާމުދަނީ އިތުރުވުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށްޓަކައި އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ