އަމީނީމަގުގެ ދެވަނަ ސެގްމަންޓުގައި ތާރުއަޅާ ނިންމާލައިފި

އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ: ފޮޓޯ: އެމްޓީސީސީ
އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ: ފޮޓޯ: އެމްޓީސީސީ

އަމީނީމަގު މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ ދެވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.

މި މަޝްރޫއުގެ ފުރަތަމަ ސެގްމަންޓުގެ ތާރު އެޅުމުގެ މަސައްކަތް މި ހިނގާ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ނިންމާލާފައިވާއިރު، ދެވަނަ ސެގްމަންޓުގެ މަސައްކަތް ފަށާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. މި ސެގްމަންޓުގައި ކުރިން އަޅާފައި އޮތް ތާރުގަނޑު ނެގުމަށްފަހު، އަލުން ތާރު އަޅާފައިވަނީ ދެ ފަށަލައަށެވެ. ފުރަތަމަ ސެގްމަންޓުގައި ހިމެނެނީ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި އޮންނަ ޕާކާ ހަމައަށެވެ.

އެމްޓީސީސީން ބުނި ގޮތުގައި، އަމީނީމަގުގެ ފުރަތަމަ ފިޔަވަހީގައި މަގުމަތީގެ ނިޝާންތައް ކުރެހުމާއި ޔުޓިލިޓީ ޖަންކްޝަންތައް އެއްވަރުކުރުމުގެ މަސައްކަތް ނިންމައި، މަގު ހުޅުވާލުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އަމީނީމަގުގެ ތާރުފަށަލަ ހަލާކުވުމާ ގުޅިގެން އެ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ފަންނީ މާހިރުން ފާހަގަކުރާ ގޮތުގައި، އަމީނީމަގުގެ މި ސަރަހައްދު ކުރިން އަވަހަށް ހަލާކުވާން މެދުވެރިވީ ތާރު އެޅުމަށްފަހު އެކަށީގެންވާ ވަރަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމުންނެވެ. މީގެއިތުރުން، އެއީ ބަސް ދަތުރުކުރާ ސަރަހައްދަކަށް ވުމާއި، ރާއްޖޭގެ ހޫނުމިން މައްޗަށް ދިއުމަކީވެސް ތާރުގަނޑު ހަލާކުވުމަށް މެދުވެރިވި ސަބަބުތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ