ރައްޔިތުންނަށް ފޯރުކޮށްދޭ ޔުޓިލިޓީ ޚިދުމަތްތަކުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި، ކަމާގުޅުންހުރި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާ، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަލީ ޝަރީފް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)، މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުންގެ އިތުރުން، ވުޒާރާއާއި ކަމާގުޅުންހުރި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ޔުޓިލިޓީ ދާއިރާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާއި، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައަޅައި، އެކަންކަން ތަންފީޒުކުރުމަށް މަގުފަހިކުރުމެވެ. މިގޮތުން ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ ޝަރީފް ވަނީ، ރައްޔިތުންނަށް ލުއިފަސޭހަ އަދި އިތުބާރުހުރި ގޮތެއްގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކަމާގުޅުންހުރި އެންމެހައި މުއައްސަސާތައް ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ.