ދިވެހިރާއްޖެއާއި ގަތަރު ނޭޝަނަލް ބޭންކް (ކިއުއެންބީ) އާ ދެމެދު މާލީ އަދި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ގަތަރުގެ ވެރިރަށް ދޯހާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި އެ ބޭންކުގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަބްދުﷲ މުބާރަކް އަލް-ޚަލީފާއާ ބައްދަލުކުރައްވައި ދެ ފަރާތުގެ ދެމެދުގައި ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައެވެ.
ދޯހާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ދެފަރާތުގެ ދެމެދުގައިވާ މާލީ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށެވެ. މީގެ އިތުރުން ރާއްޖޭގެ ތަރައްގީއަށް މުހިންމު ދާއިރާތަކުން އިންވެސްޓްމަންޓް ފުރުސަތުތައް ފަހިކުރުމާއި، ތަރައްގީގެ އެކި މަޝްރޫއުތަކުގައި ބޭންކާއެކު ޕާޓްނަޝިޕް ގާއިމުކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ހިޔާލު ބަދަލުކުރެއްވިއެވެ.
ހަމައެއާއެކު، ދިވެހިރާއްޖެއާއި ގަތަރާ ދެމެދު އޮތް އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކޮށް، ދެމެހެއްޓެނިވި އަދި ދިގު މުއްދަތުގެ އިގުތިސާދީ ކުރިއެރުމެއް ހޯދުމަށްޓަކައި ދެގައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.