ދުނިޔޭގެ އެންމެ ރައްކާތެރި މަންޒިލަށް ރާއްޖެ ހެދުމަކީ އަޒުމަކަށް ވާންޖެހޭ: ވަޒީރު އިޙްސާން

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން. ފޮޓޯ: ޕީއެސްއެމް
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން. ފޮޓޯ: ޕީއެސްއެމް

ސޭފްޓީ އެންޑް ސެކިއުރިޓީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ އެންމެ ބޮޑު އަޒުމަކަށް ވާންވީ ދިވެހިރާއްޖެއަކީ މުޅި ދުނިޔޭގައިވެސް އެންމެ ރައްކާތެރި ޤައުމަށް ހެދުން ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ފަޔަރ، ސޭފްޓީ އެންޑް ސެކިޔުރިޓީ އިންޑަސްޓްރީ (މަފްސީން) އިން އިންތިޒާމުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "ސޭފްޓީ އެންޑް ސެކިޔުރިޓީ ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަކޮށްގެން ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސެވެ.

ކޮންފަރެންސްގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ދުނިޔޭގެ އެންމެ މަޤުބޫލު ފަތުރުވެރި މަންޒިލްގެ ގޮތުގައި ރާއްޖެ އޮތްއިރު، ރާއްޖެއަށް ޒިޔާރަތްކުރާ މެހެމާނުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުވެފައި އޮތުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އަދި މި ރައްކާތެރިކަން ކަށަވަރުކުރެވޭނީ ހަމައެކަނި ވަކި ބައެއްގެ މަސައްކަތުން ނޫން ކަމަށާއި، ސަރުކާރުގެ މުއައްސަސާތަކާއި، ފަތުރުވެރިކަމުގެ ސިނާއަތާއި، ސެކިއުރިޓީ ދާއިރާގެ އަމިއްލަ ފަރާތްތައް ގުޅިގެން ކުރާ މަސައްކަތްތަކުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި އާންމުކޮށް ހިނގާ ކުށްތަކުގެ އިތުރުން، އަލިފާނުގެ ހާދިސާތަކާއި، ކަނޑުމަތީގެ އެކްސިޑެންޓުތަކާއި، ގުދުރަތީ ކާރިސާތަކާއި، ސައިބަރ ހަމަލާތަކުގެ އިތުރުން އޮންލައިން ފްރޯޑްގެ އަމަލުތަކާއި، މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކަކީ ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަންކަން ކަމުގައި ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން އާންމު ސިއްޙަތާ ގުޅުންހުރި ކަންކަމަށްވެސް ސަމާލުވުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނޭދެވޭ ކަންކަން ފެތުރިގެންދިއުމުގެ ފުރުސަތު ބޮޑުކަމުން، ކަމެއް ދިމާވުމުގެ ކުރިން އެކަމަކުން ރައްކާތެރިވުމަށް ދުރާލައި ތައްޔާރުވެ ތިބުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއަކީ ރައްކާތެރި އަދި ވިލުންތެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކާއި، ތަމްރީނުތަކާއި، އިންވެސްޓްމަންޓްތަކުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރައްކާތެރި މަންޒިލެއްގައި މަސައްކަތް ކުރާނީ މިއަދު ދިމާވާ ކަންކަމަށް ހައްލު ހޯދުމަށް ކަމަށާއި، ނަމަވެސް ވިލުންތެރި މަންޒިލެއްގައި މަސައްކަތް ކުރާނީ މުސްތަޤުބަލަށް ވިސްނައިގެން ކަމަށެވެ. އެހެންކަމުން، ރައްކާތެރި އަދި ވިލުންތެރި މަންޒިލެއްގައި ހަރުދަނާ ސޭފްޓީ އެންޑް ސެކިއުރިޓީ ސިޔާސަތުތަކެއް ގެންގުޅުމަކީ މުހިންމު ކަމެއް ކަމަށާއި، ސަރުކާރާއި ދާއިރާގެ އެންމެން ގުޅިގެން މަސައްކަތް ކުރަންވާނީ ހިރާސްތައް ކުޑަކޮށް، ދުރާލައި ތައްޔާރުވެ ތިބުމާއެކު ފުރާނަ ސަލާމަތްކުރުމަށާއި، ރާއްޖެއަކީ ރައްކާތެރި މަންޒިލެއްކަމުގެ އިހުސާސް ފަތުރުވެރިންނަށް ކޮށްދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަފްސީން އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ސޭފްޓީ އެންޑް ސެކިޔުރިޓީ ކޮންފަރެންސަކީ ދައުލަތުގެ އެކި މުއައްސަސާތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތަކާއި، ސެކިޔުރިޓީ ދާއިރާގެ ފަރާތްތައް ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ދަނީ އެކި މައުޟޫޢުތަކަށް ސެޝަންތައް ނަގައިދެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ