އަމީނީ މަގުގެ ހަލާކުވެފައިވާ ސަރަހައްދުތައް މަރާމާތުކުރުމަށްފަހު، އަންނަ އާދިއްތަ ދުވަހު އާންމު ދަތުރުފަތުރަށް ހުޅުވާލާނެ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ހާމަކޮށްފިއެވެ. މި މަސައްކަތަކީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ބައެކެވެ.
މި މަޝްރޫއުގެ ދަށުން އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދަނީ އެކި ސެގްމަންޓްތަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ހުޅުވާލުމަށް ތައްޔާރުވެފައިވަނީ ސެގްމަންޓް 1 ގެ ދަށުން ހިމެނޭ، ދިވެހިރާއްޖޭގެ އަޑުން ފަށައިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަހައްދެވެ. މީގެ އިތުރުން، ސެގްމަންޓް 2 ގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައި އޮންނަ ހަތަރުއަނގޮޅި ކަންމަތީގައި ތާރުއެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ މުޅިން ނިންމާލާފައެވެ.
ބިނާރާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި ސަރަހައްދުތަކުގައި ކުރިން އަޅާފައިވާ ތާރުގަނޑު ނަގައި، މަގުގެ އަޑީގައިވާ އެކި ނެޓްވޯކްތައް އަލުން ތަރުތީބުކޮށްފައިވެއެވެ. ތާރު އެޅުމުގެ މަސައްކަތް ނިމުމާއެކު، މިހާރު ކުރިއަށްދަނީ ޓްރެފިކް ނިޝާންތައް ކުރެހުމާއި ފިނިޝިންގެ އެހެނިހެން މަސައްކަތްތަކެވެ. މި މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
މި ސަރަހައްދު ހުޅުވާލުމަށްފަހު ދެން ފެށުމަށް ހަމަޖެހިފައިވަނީ ސެގްމަންޓް 3 ގެ މަސައްކަތެވެ. އެއީ އިއްޒުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮތް ސަރަހައްދެވެ. އަމީނީ މަގުގެ މާފަންނާވީ ކޮޅުގެ ބައިތައް މަރާމާތުކުރަން ޖެހުނީ، އެ ސަރަހައްދުގެ ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެ، ވަޅުގަނޑުތައް ހެދުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާތީއެވެ. މިއީ ބަސް ދަތުރުތަކާއި ބަރު އުޅަނދުތައް ގިނައިން ހިނގާ ސަރަހައްދެކެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން، ހުޅަނގު ފަރާތު ބޭރުމަގު ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށްވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ވެސްޓް ޕާކް ސަރަހައްދުން ބައެއް ބަންދުކޮށް، ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. މީގެ ކުރިން ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތާރުއަޅައި ތަރައްގީކުރުމުން، އެ ސަރަހައްދުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިފައިވާކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.