ރާއްޖޭގައި ފުރަތަމަ ފަހަރަށް މަޑް ކްރެބް އާލާކުރުމުގެ މަޝްރޫއަކަށް ހުއްދަދީފި

Mud-crab-farming-revolutionised-in-Kenya

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް 'މަޑް ކްރެބް' އާލާކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އަމިއްލަ ފަރާތަކަށް ހުއްދަ ދީފިއެވެ. މިއީ ރާއްޖޭގައި މިފަދަ މަޝްރޫއެއް ހިންގުމަށް ހުއްދަ ދެވުނު ފުރަތަމަ ފަހަރެވެ. ގދ. ފިޔޯރީގައި ކުރިއަށްގެންދާ މި ޕައިލަޓް މަޝްރޫއަކީ ރާއްޖޭގެ ކަނޑުފަޅުގެ ވަސީލަތްތައް ސިންދަފާތުކޮށް، އެކުއަކަލްޗަރގެ ދާއިރާއިން އައު އާމްދަނީގެ ފުރުސަތުތައް ހުޅުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ދެވުނު މުހިންމު ހުއްދައެކެވެ.

'މަޑް ކްރެބް' އަކީ އާންމުކޮށް ކަނޑޫފާތަކާއި ކުޅިތަކުގެ މަޑު ފަސްގަނޑު ހުންނަ ސަރަހައްދުތަކުގައި އުޅޭ، ވަރަށް އަގުހުރި ކަކުނީގެ ބާވަތެކެވެ. މިއީ މަސްގަނޑު ބޮޑު، އަދި ކެއުމަށް ވަރަށް މީރު އެއްޗަކަށްވާތީ މުޅި ދުނިޔޭގެ ސީފޫޑް މާކެޓްގަޔާއި ފަތުރުވެރިކަމުގެ ދާއިރާގައި މިއީ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެއްޗެކެވެ. މީގެ އިތުރުން، މިއީ ކަނޑޫފާތަކުގެ ތިމާވެށީގެ އިކޯސިސްޓަމް ބެލެންސްކޮށް، ގުދުރަތީ މާހައުލު ރައްކާތެރިކުރުމުގައިވެސް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.

މި މަޝްރޫއުގެ ދަށުން މިބާވަތުގެ ކަކުނި އާލާކުރާނީ ކުދި ކަކުނި ނަގައިގެން، އެއަށް ޚާއްސަކޮށް ތައްޔާރުކުރެވޭ ސަރަހައްދުތަކުގައި ބަހައްޓައިގެން ކާނާދީ ބޮޑުކުރުމުގެ ނުވަތަ 'ފެޓެނިންގ' އުސޫލުންނެވެ. މިގޮތަށް އާލާކުރުމުގައި ކަކުންޏަށް ބޭނުންވާ އެކަށީގެންވާ ކާނާ ދިނުމާއި، ފެނުގެ ލޮނުކަމުގެ މިންވަރާއި ސާފުތާހިރުކަން އެކަށީގެންވާ ގޮތެއްގައި ބަލަހައްޓައި، މާކެޓަށް ނެރެވޭވަރަށް ބޮޑުވަންދެން ރައްކާތެރިކަމާއެކު ބެލެހެއްޓޭނެއެވެ.

ރާއްޖޭގައި މުޅިން އަލަށް ފަށާ މި މަޝްރޫއުގެ ސަބަބުން ރިސޯޓުތަކަށާއި ސީފޫޑް ރެސްޓޯރެންޓްތަކަށް ބޭނުންވާ އަގުބޮޑު ކަކުނި ބޭރުގެ މާކެޓްތަކުން އެތެރެކުރުން ކުޑަވެ، ރާއްޖޭގައި އުފައްދައިގެން ވިއްކޭނެ މަގު ތަނަވަސްވެގެންދާނެކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިއީ ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިންނަށްވެސް ރަނގަޅު އާމްދަނީއެއް ހޯދިދާނެ މަސައްކަތެއްގެ ގޮތުގައި އެ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި ހަމައެކަނި ކަނޑުމަހުގެ މަސްވެރިކަމަށް ބަރޯސާވުން ކުޑަކޮށް، ރާއްޖޭގެ އިގްތިސާދީ ދާއިރާތައް ފުޅާކުރުމަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއްކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ