ވިލާ ކޮލެޖުގެ ދަސްވެނިން އިލްމީ ތެދުވެރިކަމާއި އަހުލާގު އިސްކުރުމަށް ވަޒީރު ހީނާ އިލްތިމާސްކުރައްވައިފި

ވިލާ ކޮލެޖުގެ މިއަހަރުގެ ދަސްވެނިވުމުގެ ހަފުލާގެ ތެރެއިން
ވިލާ ކޮލެޖުގެ މިއަހަރުގެ ދަސްވެނިވުމުގެ ހަފުލާގެ ތެރެއިން

ވިލާ ކޮލެޖުން މިއަހަރު ދަސްވެނިވި ދަރިވަރުންނަކީ، ހަމައެކަނި މައުލޫމާތުން މުއްސަނދި ބަޔަކަށް ވުމުގެ ބަދަލުގައި، އިލްމީ ތެދުވެރިކަމާއި ރިވެތި އަހުލާގު އިސްކުރާ ނަމޫނާ ޖީލަކަށް ވުމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އިލްތިމާސްކުރައްވައިފިއެވެ.

ވަޒީރު މިފަދައިން އިލްތިމާސްކުރެއްވީ ވިލާ ކޮލެޖުގެ މިއަހަރުގެ ދަސްވެނިވުމުގެ ހަފުލާގެ ފުރަތަމަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ދަންފަޅީގައި ސަނަދު ހާސިލުކޮށްފައިވަނީ ހިންގުމުގެ ދާއިރާއާއި، އުނގަންނައިދިނުމުގެ ދާއިރާއިން ތައުލީމު ފުރިހަމަކުރި 201 ދަރިވަރުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި ގައުމެއްގެ ތަރައްގީއަށް ހަމައެކަނި ފިކުރީ ވިސްނުމާއި އިލްމީ ސިކުނޑިތަކެއް އުފަންކުރުމުން ނުފުދޭނެކަން ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި ގައުމަކަށް އެންމެ ބޮޑަށް ބޭނުންވަނީ ހަރުދަނާ އަހުލާގީ ގިޔަމްތަކެއްގެ މަތީގައި ސާބިތުވެތިބޭ ބައެއްކަމަށް ވިދާޅުވިއެވެ.

މިގޮތުން އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމާއި، އެކަކު އަނެކަކުގެ ހިޔާލަށް އިހުތިރާމްކުރުމުގެ އިތުރުން، ކަންކަމުގެ ހަގީގަތް ހޯދައި ބެލުމުގެ ތަހުޒީބީ ސިފަތައް އަށަގަންނުވަންޖެހޭ ކަމަށާއި، އިލްމުވެރިންނަކީ މިފަދަ ކަންކަމުގައި މުޖުތަމައުގެ ނަމޫނާއަކަށް ވާންޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމެއްގައި އިލްމީ ރޫހެއް ބިނާކޮށް، އީޖާދީ ފިކުރުތައް އާލާކުރެވެނީ އެ ގައުމެއްގެ ތައުލީމީ އަދި ތަރުބަވީ ނިޒާމުގެ ތެރެއިންކަން ފާހަގަކުރައްވައި، ޖީލުތައް ބިނާކުރުމުގެ އެންމެ އިސް މަސްއޫލިއްޔަތެއް އެޅިފައިވަނީ ތައުލީމީ ދާއިރާގެ ހިދުމަތްތެރިންގެ ކޮނޑުގައިކަން ވަޒީރު ބަޔާންކުރެއްވިއެވެ.

ހަމައެއާއެކު ހާސިލުކުރި ސަނަދަކީ ހަމައެކަނި ލިޔުމެއްގެ ގޮތުގައި ނުބަލައި، އޭގެ ބޭނުން ހެޔޮގޮތުގައި ހިފައި ގައުމަށް ހިދުމަތްކުރުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ. އަދި ގައުމުގެ އިޖްތިމާއީ ފޭރާމާއި އަހުލާގީ މިންގަނޑުތައް ހެޔޮ މަގަށް އެޅުވުމަށްޓަކައި، އިސްނަގައިގެން މަސައްކަތްކުރާ ގާބިލު މޭސްތިރިންނަށް ވުމަށް ހުރިހާ ދަސްވެނިންނަށް ވަޒީރު ބާރުއެޅުއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ