5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގައި ބައިވެރިވާ ސްކައުޓުންނަށް "ޓްރީ ގާޑިއަން" ބެޖު ތަޢާރަފުކޮށްފި

5 މިލިއަން ގަސް މަޝްރޫޢުގެ ދަށުން ތިމާވެއްޓާ ބެހޭ ވުޒާރާއާއި ސްކައުޓް އެސޯސިއޭޝަނާ ދެމެދު ފަހުމުނާމާގައި ސޮއިކުރުން
5 މިލިއަން ގަސް މަޝްރޫޢުގެ ދަށުން ތިމާވެއްޓާ ބެހޭ ވުޒާރާއާއި ސްކައުޓް އެސޯސިއޭޝަނާ ދެމެދު ފަހުމުނާމާގައި ސޮއިކުރުން

ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގައި ދިވެހި ސްކައުޓުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ޚާއްޞަ ބެޖެއް ތަޢާރަފުކޮށް، އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. "ޓްރީ ގާޑިއަން ބެޖު" ގެ ނަމުގައި ތަޢާރަފުކުރި މި ބެޖާ ގުޅޭ ފަހުމުނާމާގައި ސޮއިކުރީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި ސުކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ދެމެދުގައެވެ.

މި އެއްބަސްވުމުގެ ދަށުން ސްކައުޓުންނަށް "ޓްރީ ގާޑިއަން ބެޖު" ހޯދުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. މި ބެޖު ފަރުމާކޮށްފައިވަނީ މައިގަނޑު 5 ފިޔަވަޅެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ގަސް އިންދުމަށްފަހު އެ ގަހާ ބެހޭ މަޢުލޫމާތު ހޯދުމާއި، ގަހުގެ ވަށައިގެންވާ މާހައުލު ދަސްކުރުމާއި، ގަސް ބަލަހައްޓައި ބޮޑުކުރުމުގެ އިތުރުން ވެފައިވާ ވަޢުދު ފުރިހަމައަށް އަދާކުރުން ހިމެނެއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ 5 މިލިއަން ގަސް އިންދުމުގެ ވަޢުދަކީ މުޅި ރާއްޖެ ފެހިކުރުމުގެ މަތިވެރި މަޤްޞަދުގައި ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ. އަދި މި މަސައްކަތުގައި ސްކައުޓުން އިސްނަގައިގެން ބައިވެރިވުމަށް ނިންމި ނިންމުމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ އިސްމާއިލް ރިފާޢު ވިދާޅުވި ގޮތުގައި، މިއީ ދިވެހި ސްކައުޓުންގެ ތާރީޚުގައި ތިމާވެށީގެ ދާއިރާއިން އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި "ޓްރީ ގާޑިއަން ބެޖު" އަކީ ހަމައެކަނި ގަހެއް އިންދާލުމުން ލިބޭ ބެޖެއް ނޫނެވެ. އެއީ ގަސް ބަލަހައްޓައި، ދިގު މުއްދަތަކަށް އޭގެ ޒިންމާ އުފުލުމުން ލިބޭ ބެޖެކެވެ. މިއީ ޚިދުމަތްކުރުމާއި ޒިންމާދާރުވުމުގެ ސްކައުޓް އަސާސްތަކާ ގުޅިފައިވާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ބެޖު ހޯދުމުގެ ފުރުޞަތު ތަފާތު ހަތަރު އުމުރުފުރާއަކަށް ވަނީ ބަހާލާފައެވެ. އެގޮތުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިން ގަހެއް އިންދައި އެ ގަސް ބޮޑުވާގޮތް ބަލަންޖެހޭއިރު، 11 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިން ގަހާ ބެހޭ މަޢުލޫމާތު ހޯދައި އެއް މަސްދުވަހު ގަސް ބަލަހައްޓަންޖެހެއެވެ. އަދި 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ގްރޫޕް ހަދައިގެން ރާއްޖެއަށް ޚާއްޞަ ގަސްތައް އިންދައި 2 މަހާއި 3 މަހާ ދެމެދުގެ މުއްދަތަކަށް ބަލަހައްޓަންޖެހޭއިރު، 18 އަހަރާއި 26 އަހަރާ ދެމެދުގެ ޒުވާނުން މަޝްރޫޢުތައް ރާވައި ހަގު އުމުރުފުރާގެ ކުދިންނަށް އިރުޝާދުދީ، 3 މަހާއި 6 މަސްދުވަހުގެ މުއްދަތަށް ނަތީޖާ މޮނިޓަރ ކުރަންޖެހެއެވެ.

މި ޕްރޮގްރާމްގެ ދަށުން ގަސް އިންދާނެ ސަރަޙައްދުތަކާއި ގަސްތައް ފޯރުކޮށްދޭނީ ތިމާވެއްޓާ ބެހޭ ވުޒާރާއިންނެވެ. މިއީ ކުދިންގެ މެދުގައި ތިމާވެށީގެ ހޭލުންތެރިކަމާއި އަމިއްލަ ޒިންމާދާރުކަން އިތުރުކުރުމަށް އެޅުނު މުހިންމު ބިންގަލެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ