ރަސްމާލެ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން އެޑްވާންސްގެ ގޮތުގައި ލިބޭ ފައިދާ، ރާއްޖޭގައި މީގެ ކުރިން ހިންގާފައިވާ އެހެން ބޮޑެތި އިންވެސްޓްމެންޓްތަކާ އަޅާބަލާއިރު މާ ބޮޑު ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރަސްމާލެ ތަރައްޤީ ކުރުމުގެ މަޝްރޫޢާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.
މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ނަގުދު ފައިސާގެ ގޮތުގައި އެޑްވާންސް ނުލިބުނު ނަމަވެސް، ރަސްމާލޭގެ އަސްލު މަޝްރޫޢު ފެށުމުގެ ކުރިން އެޑްވާންސްގެ ގޮތުގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢެއް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން އީގަލް ހިލްސް ކުންފުންޏާއެކު ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެގްރީމެންޓުގެ ދަށުން، 5،000 ހައުސިންގ ޔުނިޓުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިއަށް ގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މީގެ ކުރިން ރާއްޖޭގައި ހިންގި ބޮޑެތި މަޝްރޫޢުތަކުގެ އެކުއިޒިޝަން ކޮސްޓާ އަޅާބަލައި ވަޒީރު ވިދާޅުވީ، ޖީއެމްއާރަށް އެއާޕޯޓް ދީގެން ލިބުނީ 78 މިލިއަން ޑޮލަރު ކަމަށާއި، އެނބޫދޫފަޅު ދީގެން ލިބުނީ 40 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް ރަސްމާލެ މަޝްރޫޢުގެ ދަށުން ދިވެހި ރައްޔިތުންނަށް ސީދާ މަންފާކުރާނެ 500 މިލިއަން ޑޮލަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް އެޑްވާންސްގެ ގޮތުގައި ލިބިގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢަކީ ބޭރުގެ އަމިއްލަ އިންވެސްޓްމެންޓަކަށް ވުމުން، އެކަން ކުރިއަށްގެންދާނެ ވަކި ސަރަހައްދެއް ސަރުކާރުން ކަނޑަނާޅާނެ ކަމަށާއި، ނަމަވެސް ސަރުކާރުން އިސްކަންދިނީ ދިވެހިންނަށް އެންމެ ބޮޑު ފައިދާއެއް ލިބޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. ރަސްމާލޭގައި މީހުން އާބާދުވާއިރު، އެ ސަރަހައްދުން އިޤްތިޞާދީ ފުރުޞަތުތަކާއި ވަޒީފާތައް ލިބުން މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.
އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢެއް ހިންގުމަށް އެއްބަސްވުމުގައި ސޮއިކުރީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން 500 ހެކްޓަރުގެ ސަރަހައްދެއް ތަރައްޤީކުރާނެއެވެ. މީގެ އިތުރުން، ރަސްމާލޭގައި ރައްޔިތުންނަށް ދޫކުރުމަށް ކަނޑައަޅާފައިވާ އެއްވެސް ގޯއްޗެއް ނުވަތަ ފްލެޓެއްގެ މަޝްރޫޢެއް ކެންސަލް ނުކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.