ދިރިއުޅުމުގެ ހުރިހާ ތަކުލީފުތަކެއްގެ އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން ﷲ ހަނދުމަކުރުން: ހުކުރު ޚުޠުބާ

އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާދެނީ. ފޮޓޯ: މިޙާރު
އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާދެނީ. ފޮޓޯ: މިޙާރު

ދިރިއުޅުމުގައި ކުރިމަތިވާ އެކި ކަހަލަ ހާސްކަމާއި ބުރަތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް ﷲ ހަނދުމަކުރުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ގިނަގިނައިން ﷲ ހަނދުމަކުރުން" މި މައުޟޫއަށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުޠުބާގައި ވަނީ ޛިކުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ﷲ ހަނދުމަކުރުމަކީ ހިތްތަކަށް ދިރުން ލިބި، އެކަލާނގެ ޙަޟްރަތާ ކުއްތަންވުމަށް އޮތް އެންމެ ފަސޭހަ މަގެވެ. އަދި ޛިކުރުކުރުމަކީ ހަމައެކަނި މިސްކިތްތަކުގައި ތިބެގެން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، ދިރިއުޅުމުގެ ކޮންމެ ހާލަތެއްގައި ވެސް އެކަން ކުރެވިދާނެ ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ. އެގޮތުން މަގުމަތިން ހިނގާފައި ދާއިރު، ދަތުރުމަތީގައި ނުވަތަ މަސައްކަތުގެ މައިދާނުގައި އުޅޭއިރުވެސް ﷲ ހަނދުމަކުރުން މަތީގައި ދެމެހެއްޓުމަށް އިލްތިމާސްކުރިއެވެ.

މާތް ﷲ ހަނދުމަކުރުން މައިގަނޑު ތިން ބަޔަކަށް ބެހިގެންވާކަން ޚުޠުބާގައި ތަފްސީލުކޮށްދިނެވެ. އެއީ:

  • ހިތުގެ އިޚްލާޞްތެރިކަމާއެކު ހަނދުމަކުރުން: މިއީ ﷲގެ ކުޅަދުންވަންތަކަމާ މެދު ފިކުރުކޮށް، އެކަލާނގެއަށް ބިރުވެތިވުމާއި ވަކީލުކުރުމުގެ ސިފަ ހިތުގައި ވަރުގަދަކުރުމެވެ.
  • ދުލުން ޛިކުރުކުރުން: މިއީ ﷲގެ މަތިވެރިކަން ބަޔާންކޮށް، ތަސްބީޙަ ކިޔުމާއި، ޤުރްއާން ކިޔެވުމާއި، ފާފަފުއްސެވުމަށް އެދި ދުޢާކުރުމެވެ.
  • ޢަމަލީ ގޮތުން ހަނދުމަކުރުން: މިއީ ފަރުޟު ފަސް ނަމާދު އަދާކުރުމާއި، ރޯދަ ހިފުމާއި، ޒަކާތް ދިނުމުގެ އިތުރުން މައިންބަފައިންނަށް އޯގާތެރިވުން ފަދަ ހެޔޮ ޢަމަލުތައް ކުރުމެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، ޙަޤީޤީ ޛިކުރަކީ ދުލުން ކިޔާ ކަލިމަތަކާއެކު ހިތްވެސް އެކަމަށް ހާޒިރުކުރުން ކަމަށް ހަނދާންކޮށްދީފައެވެ. އަދި ފާފައަކާ ދިމާއަށް މިސްރާބުޖެހޭ ހިނދު ﷲ ހަނދުމަކޮށް އެކަމުން ދުރުހެލިވުމަށާއި، ހެނދުނާއި ހަވީރުގެ ދުޢާތަކަށް ސަމާލުކަންދީ، ނަމާދަށްފަހު ކުރާ ޛިކުރުތަކަށް ފަރުވާތެރިވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ