ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ "އަމާން އުދަރެސް" 5 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެއްގައެވެ. މި ހާދިސާގެ ރިޕޯޓް ހުޅުމާލެ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިރޭ 18:43 ހާއިރުއެވެ. އަދި ސިފައިން ކުރި މަސައްކަތުން 18:50 ހާއިރު އަލިފާންގަނޑު ވަނީ އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އަލިފާނުގެ ސަބަބުން ޓަވަރުގެ ބައެއް ފެންހޮޅިތަކަށް ގެއްލުން ލިބިފައިވާތީ، އެ ތަންތަން މަރާމާތުކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ޓީމުން ދަނީ ކުރަމުންނެވެ.
އެފްޑީސީން ބުނި ގޮތުގައި، މި މަރާމާތުގެ މަސައްކަތް ކުރިއަށްދާ ވަގުތު ޓަވަރުގެ ބައެއް ޔުނިޓުތަކުން ފެނާއި ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެއެވެ. ނަމަވެސް ކުރިއަށް އޮތް 2 ނުވަތަ 3 ގަޑިއިރުގެ ތެރޭގައި މަސައްކަތް ނިންމައި، ޚިދުމަތްތައް އަލުން އިއާދަކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ލަފާކުރެއެވެ.