ސަރުކާރުގެ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްސާކުރުމަށް ބާއްވާ "އަހާ" ފޯރަމްގެ އަށްވަނަ ބުރު އަންނަ އާދިއްތަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ އާދިއްތަ ދުވަހުގެ ރޭ 21:00 ގައެވެ. ދެ ގަޑިއިރަށް ކުރިއަށްދާ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ޙަސަން ރަޝީދުގެ އިތުރުން ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްއެވެ.
މި ފޯރަމަކީ ސަރުކާރުގެ އެކި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލުތައް ހާމަކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ސުވާލުތަކަށް ސީދާ ވަޒީރުންގެ ފަރާތްޕުޅުން ޖަވާބު ހޯދައިދިނުމަށް ހުޅުވާލާފައިވާ ޚާއްޞަ ފުރުޞަތެކެވެ. ފޯރަމް ކުރިއަށްދާ ވަގުތު، ފޯރަމް ބާއްވާ މާލަމަށް ގޮސް ސުވާލުކުރުމުގެ ފުރުޞަތުގެ އިތުރުން، ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ސުވާލު ހުށަހެޅޭނެއެވެ. އެގޮތުން ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް ސުވާލުތައް ފޮނުވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
"އަހާ" ސިލްސިލާ ފޯރަމްތައް އެންމެ ފުރަތަމަ ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުވަރީ މަހުގެ ތެރޭގައެވެ. ސަރުކާރުގެ ސިޔާސަތުތަކާއި މަސައްކަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ޙިއްސާކުރުމަށް ގިނަ ޕްރޮގްރާމްތަކެއް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސީދާ ރައްޔިތުންނާ ބައްދަލުކުރައްވާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމާއި، ޕީއެސްއެމްއާ ގުޅިގެން ގެނެސްދޭ "ނޭޝަން ޗެޓް" ގެ އިތުރުން ވުޒާރާތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ހިމެނެއެވެ.