ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެ: މިނިސްޓަރު އަމީން

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކެބިނެޓް ބައްދަލުވުމެއްގައި. (ފޮޓޯ/ ރައީސް އޮފީސް)
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކެބިނެޓް ބައްދަލުވުމެއްގައި. (ފޮޓޯ/ ރައީސް އޮފީސް)

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ދޭންޖެހޭ އެއްބާރުލުން ދިނުމުގައި ސަރުކާރުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ދެއްވައިފިއެވެ.

ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި ވަޒީރު މުޙައްމަދު އަމީން ވަނީ މި ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ރާއްޖެއަކީ ދުނިޔޭގެ އެއްވަނަ ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ރެއާއި ދުވާލު މަސައްކަތްކުރާ ފަރާތްތަކުގެ ބުރަ މަސައްކަތް ފާހަގަކުރައްވާ ކަމަށެވެ. އަދި ދިވެއްސެއްގެ ހައިސިއްޔަތުން މި ސިނާއަތާމެދު ފަޚުރުވެރިވާކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ފަތުރުވެރިކަމަކީ ރާއްޖެއާއި ބޭރު ދުނިޔެ ގުޅުވައިދޭ އިގުތިޞާދުގެ މައި ތަނބު ކަމަށެވެ. މިއީ ދިވެހި ރައްޔިތުންނަށް ގިނަގުނަ ވަޒީފާގެ ފުރުސަތުތަކާއި މާލީ މަންފާތައް ހޯދައިދޭ މުހިންމު ދާއިރާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށީ 2021 ވަނަ އަހަރުއެވެ. މި ދުވަސް ކަނޑައެޅީ ރާއްޖޭގައި އެންމެ ފުރަތަމަ ރިސޯޓެއް ހުޅުވުނު ތާރީޚާ ގުޅުވައިގެންނެވެ. އެގޮތުން 1972 ވަނަ އަހަރުގެ އޮކްޓޫބަރު 3 ގައި ހުޅުވުނު "ކުރުނބާ މޯލްޑިވްސް" (އޭރުގެ ވިހަމަނާފުށި) އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގަލެވެ. އެ ރިސޯޓު ފުރަތަމަ ހުޅުވީ 30 ކޮޓަރިއާއި 60 އެނދުގެ ޖާގަޔާއެކު ވަރަށް އާދައިގެ ގޮތަކަށެވެ.

ރާއްޖޭގެ އިގުތިޞާދަށް ބަލާއިރު، ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) 28 އިންސައްތަ ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. އަދި ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ 60 އިންސައްތަ ހިއްސާކުރަނީވެސް މި ދާއިރާއިންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2022 ވަނަ އަހަރާ ހަމައަށް މި ސިނާއަތުގައި 55,000 އަށްވުރެ ގިނަ މީހުން ވަޒީފާ އަދާކުރަމުންދާއިރު، އޭގެ ތެރެއިން 41.4 އިންސައްތައަކީ ދިވެހިންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ