ޅ. ނައިފަރު ކައުންސިލުން އިންތިޒާމުކޮށްގެން އެ ރަށުގައި ކުރިއަށްގެންދިޔަ "ނައިބޮލި ބިޒްނަސް އެކްސްޕޯ 2026" ގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބައިވެރިވެއްޖެއެވެ.
އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދިޔަ މި އެކްސްޕޯއަކީ ނައިފަރުގެ ވިޔަފާރިވެރިންނާއި، ކުދި ވިޔަފާރިތަކުގެ އިތުރުން އުފެއްދުންތެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް އިޝްތިހާރުކޮށް، މާކެޓް ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ބޭއްވި ހަރަކާތެކެވެ.
"އެކްސްޕްލޯރ، ކަނެކްޓް، ގްރޯ" މި ޝިއާރުގެ ދަށުން ކުރިއަށްދިޔަ މި އެކްސްޕޯގައި މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބައިވެރިވީ، އާންމުންނާ ގުޅުން ބަދަހިކޮށް، ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރުމަށެވެ. އެގޮތުން، އެކްސްޕޯގައި ގާއިމުކޮށްފައިވާ އެ ވުޒާރާގެ ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކަށް މުހިންމު މައުލޫމާތުތަކެއް ވަނީ ފޯރުކޮށްދީފައެވެ.
މި ސްޓޯލުން ދޫކުރި މައުލޫމާތުތަކުގެ ތެރޭގައި "ދަނޑުވެރި ނަފާ" ލޯނު ޕްރޮގްރާމާއި، އާރް.އެސް.ޑަބްލިއު (RSW) މަޝްރޫއުގެ ތަފްސީލުތައް ހިމެނެއެވެ. މީގެ އިތުރުން، ރާއްޖެއަށް ގަހާއި ޖަނަވާރު އެތެރެކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ހުއްދަ ހޯދާނެ ގޮތްތަކުގެ އިތުރުން، ފިޝަރީޒް މާކެޓިން ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނާއި އާންމުންނާ ބައްދަލުކޮށް، ވުޒާރާގެ ޚިދުމަތްތަކުގެ އެހީގައި ވިޔަފާރިތައް ފުޅާކުރެވޭނެ ގޮތްތައް އޮޅުންފިލުވައިދިނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ.