ނުރައްކާތެރިކޮށް އުޅަނދު ދުއްވާ މީހުން ހޯދަން ފުލުހުން ޚާއްޞަ މަސައްކަތްތަކެއް ފަށައިފި

ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިޔޯގެ ސްކްރީން ޝޮޓެއް
ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިޔޯގެ ސްކްރީން ޝޮޓެއް

މަގުމަތީގައި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ހުއްޓުވައި، އެފަދަ މީހުން ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްޞަ މަސައްކަތްތަކެއް ފަށައިފިއެވެ. ފުލުހުން ބުނި ގޮތުގައި މި މަސައްކަތުގެ ދަށުން ނުރައްކާތެރިކޮށް އުޅަނދު ދުއްވާ މީހުން ދެނެގަނެ، އެ މީހުންގެ މައުލޫމާތު ޕްރޮފައިލް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މިގޮތުން ނުރައްކާތެރިކޮށް ދުއްވާ ފަރާތްތައް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ނަސޭހަތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، މި އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާ މެދު ޓްރެފިކް ގާނޫނާއި ގަވާއިދުތަކުގެ ދަށުން ކުރާ ޖޫރިމަނާގެ އިތުރުން، އެއްވެސް އިންޒާރަކާ ނުލައި ޖިނާއީ ތަހުގީގު ހިންގާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި މިފަދަ އަމަލުތައް ތަކުރާރުކުރާ މީހުންގެ ވަނަވަރު އާންމުކުރާނެ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ޚާއްޞަ ސަމާލުކަމެއް ދީގެން ފިޔަވަޅު އަޅާނެ ކަންކަމުގެ ތެރޭގައި، މަގުމަތީގައި ޒިގްޒެގްކޮށް ދުއްވުމާއި، ސައިލެންސަރުގެ އަޑުގަދަކޮށްގެން ދުއްވުމާއި، ބާރު ސްޕީޑުގައި ދުވެލިމަތަ (ސްޕީޑް ބްރޭކަރު) ތަކަށް މަޑުނުކޮށް ދުއްވުން ހިމެނެއެވެ. މީގެ އިތުރުން، ހުއްދަ ނުނަގައި ރޭސްޖެހުމާއި، ނުރައްކާތެރިކޮށް އޯވަޓޭކް ކުރުމާއި، މަސްތުގެ ހާލަތުގައި ދުއްވުމުގެ އިތުރުން ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ފިލަން މަސައްކަތްކުރާ ފަރާތްތަކާ މެދުވެސް ހަރުކަށި ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.

މި އޮޕަރޭޝަނުގެ ދަށުން ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް ހޯދައި، ދުއްވި މީހާގެ އިތުރުން އުޅަނދުގެ ވެރިފަރާތާ މެދުވެސް ފިޔަވަޅު އަޅާނެއެވެ. މިގޮތުން ހިފަހައްޓާ އުޅަނދުތައް 30 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ވެރިފަރާތުން ހަވާލުނުވާ އުޅަނދުތައް އުސޫލުގެ ދަށުން ނައްތާލާނެ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން، ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުން މިފަދަ އަމަލުތަކުގައި ޝާމިލުވާނަމަ، އެ ފަރާތްތަކާ މެދު އިދާރީ ފިޔަވަޅު އެޅުމަށްޓަކައި އެ މައުލޫމާތު ކަމާބެހޭ މުއައްސަސާތަކާ ހިއްސާކުރަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި މަގުމަތީގެ މިފަދަ ނުރައްކާތެރި ހާދިސާތަކާ ގުޅިގެން އާންމުން ހިއްސާކުރާ ފޮޓޯ އާއި ވީޑިއޯތަކުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ