މަގުމަތީގެ ގަވާއިދުތަކާ ހިލާފުވާ މީހުން ޖޫރިމަނާކުރަން "ޑިޖިޓަލް ފައިން" ނިޒާމެއް ގާއިމުކުރަނީ

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް
ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރެވޭނެ "ޑިޖިޓަލް ފައިން" ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިފިއެވެ. މިކަން ހާމަކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަދި ހުޅުމާލެ ޕޮލިސްގެ ހެޑް އާސިމް އަބްދުﷲ އެވެ.

އޭސީޕީ އާސިމް ވިދާޅުވީ، އަލަށް ތައާރަފުކުރާ މި ނިޒާމުގެ ސަބަބުން އުޅަނދުތައް ޓޯ ކުރަން ނުޖެހި، ގަވާއިދާ ހިލާފުވާ ފަރާތްތައް ފަސޭހަކަމާއެކު ޖޫރިމަނާ ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި މި ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ލަސްތަކެއް ނުވެ ފެށިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ސަބަބުން އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭތީ، އެފަދަ އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ. މިގޮތުން، ގަވާއިދާ ހިލާފުވާ ފަރާތްތައް ދެނެގަނެ، ޕްރޮފައިލްކޮށް، އިތުރު އިންޒާރަކާ ނުލައި ޖިނާއީ ތަހުގީގު ހިންގުމަށް ވަނީ ނިންމާފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސްވެސް ވަނީ ޓްރެފިކް ގަވާއިދުތަކަށް ބޯނުލަނބާ މަދު ބައެއްގެ ސަބަބުން ގިނަ ބައެއްގެ ހައްގުތައް ގެއްލި، ނުރައްކާތެރި ހާދިސާތައް ހިނގަމުންދާކަން ފާހަގަކުރައްވައި، އެފަދަ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ