އައްޑޫއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އެމްޑަބްލިއުއެސްސީން ރަސްމީކޮށް ބަލަހައްޓަން ފަށައިފި

އައްޑޫ ސިޓީއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުން ފޮޓޯ: އެމްޑަބްލިއުއެސްސީ
އައްޑޫ ސިޓީއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުން ފޮޓޯ: އެމްޑަބްލިއުއެސްސީ

އައްޑޫ ސިޓީ (ހުޅުދޫ އަދި މީދޫ ހިމެނޭހެން) އާއި ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތްތައް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ރަސްމީކޮށް ބަލަހައްޓަން ފަށައިފިއެވެ. އެ ކުންފުނިން މި ދެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ޚިދުމަތްތަކާ ރަސްމީކޮށް ހަވާލުވެފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، މިއީ ސަރުކާރުގެ ކޯޕަރޭޓް ދާއިރާ އިޞްލާޙުކުރުމުގެ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމެއް ކަމަށެވެ. މި ބަދަލާއެކު، ދެ ސިޓީގެ ފެނާއި ނަރުދަމާގެ އޮޕަރޭޝަނަލް ޚިދުމަތްތައް އެމްޑަބްލިއުއެސްސީން މިހާރު ވަނީ ފަށާފައެވެ. މި ޚިދުމަތްތައް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

ފަހުމީ އިތުރަށް ހާމަކުރެއްވި ގޮތުގައި، ދެ ސިޓީގެ ފެނާއި ނަރުދަމާއާ ގުޅުންހުރި ހުރިހާ ވަސީލަތްތަކާއި އިންފްރާސްޓްރަކްޗަރ ބަދަލުކުރުމުގެ މަސައްކަތްތައް މިހާރު ވަނީ މުޅިން ނިންމާލެވިފައެވެ. އަދި ރައްޔިތުންނަށް މެދުކެނޑުމެއްނެތި އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި، ހެދިފައިވާ ފަންނީ އެސެސްމަންޓްތަކަށް ބިނާކޮށް އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމުގެ ޢަމަލީ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތައް އިޞްލާޙުކުރުމުގެ ސިޔާސަތުގެ ދަށުން، ފެނަކަ ކޯޕަރޭޝަންގެ ދަށުން ދެމުންދިޔަ ޚިދުމަތްތައް އެހެން ކުންފުނިތަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައިވާއިރު، އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތާވެސް ސްޓެލްކޯއިން ދާދިފަހުން ވަނީ ހަވާލުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ