މިއަހަރަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން ޒަކާތް ދެއްކި އަހަރު: ވަޒީރު ޑރ. ޝަހީމް

މީހަކު ޒަކާތް ދައްކަނީ. ފޮޓޯ: މޯލްޑިވްސް ޒަކާތު ހައުސް
މީހަކު ޒަކާތް ދައްކަނީ. ފޮޓޯ: މޯލްޑިވްސް ޒަކާތު ހައުސް

މިއަހަރަކީ ދިވެހިރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނަ އަދަދަކަށް މުދަލުޒަކާތް ދެއްކި އަހަރު ކަމަށާއި، ވޭތުވެދިޔަ ދެ އަހަރަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އައިސްފައިވާ ދެ އަހަރު ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ހާމަކުރެއްވި ގޮތުގައި، މިއަހަރުގެ މިހާތަނަށް މުދަލުޒަކާތުގެ ގޮތުގައި 109 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 106 މިލިއަން ރުފިޔާއެވެ. ދައުލަތުގެ ޓެކްސް އިދާރާ (މީރާ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ޖުމްލަ 107.2 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވާއިރު، 2024 ވަނަ އަހަރު 102.2 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރު 90.2 މިލިއަން ރުފިޔާ ވަނީ ބަލައިގެންފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޒަކާތުގެ ނިޒާމަކީ ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ، ގާނޫނީ ރައްކާތެރިކަން ލިބިފައިވާ ނިޒާމެއް ކަމަށެވެ. ޒަކާތުގެ ފައިސާ ބަލަހައްޓަމުންދަނީ މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ކަމަށާއި، އެ ފައިސާ ހޭދަކުރަނީ އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައިވާ ހާއްސަ ގައިޑްލައިނެއްގެ ދަށުން ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ޒަކާތުގެ ފައިސާ ހަރަދުކުރާ ގޮތުގެ ތަފްސީލުތައް ކޮންމެ މަހަކުވެސް އާންމުކޮށް ހާމަކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވޭތުވެދިޔަ ދެ އަހަރަކީ ފަގީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދެވުނު ދެ އަހަރުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ފަގީރުންނަށް މާލީ އެހީތެރިކަން ދިނުމުގެ އިތުރުން ތައުލީމާއި ސިއްހީ ދާއިރާއިންވެސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ޝަރީއާ ހުއްދަކުރާ މަގުން ޒަކާތު ފަންޑު އިތުރުކުރުމުގެ މަސައްކަތްތައްވެސް ވަނީ ފަށާފައެވެ. ރާއްޖޭގައި ޒަކާތުގެ ފުރަތަމަ ގާނޫނު އެކުލަވާލައި އަމަލުކުރަން ފެށުމަކީ މި ނިޒާމު އިތުރަށް ހަރުދަނާވެގެންދިޔަ ސަބަބެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޑރ. ޝަހީމް ވަނީ ޒަކާތުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ގާނޫނީ އޮނިގަނޑެއްގެ ތެރެއިން މި ނިޒާމު ތަރައްގީކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި މަސައްކަތްޕުޅުތަކަށްޓަކައި އެމަނިކުފާނަށްވެސް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ