ފްލައި ދުބާއީގެ މަތިންދާބޯޓެއް ހައިޖެކް ކުރަން އުޅުނު ހާދިސާގެ ތަހުގީގަށް، އެ އެއާލައިންގައި މަސައްކަތް ކުރާ ދެ ދިވެހި މުވައްޒަފަކާ ޔޫއޭއީގެ ކަމާބެހޭ އިދާރާތަކުން ސުވާލު ކުރަން ފަށައިފިއެވެ. މިކަން ދިވެހި ސަރުކާރުން ވެސް މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، އެ ދެ މުވައްޒަފުން ހައްޔަރުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވީ ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އެ މީހުން ހާޒިރުކުރީ ހަމައެކަނި މައުލޫމާތު ސާފުކޮށް ސުވާލުކުރުމަށް ކަމަށާއި، މި ހާދިސާއާ އެ ދެ މީހުންނާ އެއްވެސް ގުޅުމެއް އޮތް ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ދިވެހި ހާރިޖިއްޔާއިން ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. ފްލައި ދުބާއީގައި މިހާރުވެސް އަށް ދިވެއްސަކު މަސައްކަތް ކުރަމުންދެއެވެ.
މި ހާދިސާއާ ގުޅިގެން ތުހުމަތު ކުރެވެނީ އެ ބޯޓުގެ ކޯ-ޕައިލެޓް، އޮމާނަށް ނިސްބަތްވާ ހައްމާމް އަލް ހަމާނިއާއަށެވެ. އޭނާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ވަނީ ކޯރާޑިއަކުން ބޯޓުގެ މައި ޕައިލެޓަށް ހަމަލާދީ، ބޯޓު ހައިޖެކް ކުރަން މަސައްކަތް ކޮށްފައެވެ.
ޖުމްލަ 182 ފަސިންޖަރުންނާއެކު ދަތުރުކުރި މި ބޯޓުގައި ގިނައީ އިޒްރޭލުގެ ރައްޔިތުންނެވެ. ކޯ-ޕައިލެޓް ހަމަލާދިނުމުން ބޯޓު ވަރަށް ބޮޑަށް ތިރިވި ނަމަވެސް، ޕައިލެޓްގެ ހުޝިޔާރުކަމާއެކު ކޮކްޕިޓްގެ ދޮރު ހުޅުވުމުން، އެއާލައިންގެ އެހެން މުވައްޒަފުންނާއި ބައެއް ފަސިންޖަރުން ވަދެ ކޯ-ޕައިލެޓް ވަނީ ހިފަހައްޓާފައެވެ. މި ހާދިސާއަށްފަހު ބޯޓު ވަނީ ސައުދީ އަރަބިއްޔާގެ ތަބޫކު އެއާޕޯޓަށް ކުއްލި ހާލަތުގައި ޖައްސާފައެވެ.