އަމީނީ މަގުން މަރާމާތުކުރި ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލައިފި

އަމީނީ މަގުގެ މަރާމާތުކުރި ސަރަހައްދު އާންމުންނަށް ހުޅުވާލާފައި
އަމީނީ މަގުގެ މަރާމާތުކުރި ސަރަހައްދު އާންމުންނަށް ހުޅުވާލާފައި ފޮޓޯ: އެމްޓީސީސީ

އަމީނީ މަގުގެ ހަލާކުވެފައިވާ ބައިތައް މަރާމާތު ކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫއުގެ ދަށުން، ފުރަތަމަ ދެ ސެގްމަންޓުގެ މަސައްކަތް ނިންމައި އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލައިފިއެވެ. މި މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ދެ ސެގްމަންޓެއްގެ މަސައްކަތެވެ. އެއީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސެގްމަންޓް އެކެއްގެ ސަރަހައްދާއި، އަޑު ކުރިމަތީގައި އޮންނަ ހަތަރުއަނގޮޅި ކަންމަތި ހިމެނޭ ސެގްމަންޓް ދޭއްގެ ސަރަހައްދެވެ. މީގެ ތެރެއިން ފުރަތަމަ ސެގްމަންޓުގެ ދަށުން 2،794 އަކަމީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ ބޭސް ކޯސް އަދި ތާރު ނެގުމަށްފަހު، އަލުން ސަބްގްރޭޑާއި ސަބްބޭސް އަޅައި ވަނީ ތާރު އަޅާފައެވެ. އަދި ދެވަނަ ސެގްމަންޓުގެ ދަށުން 133 އަކަމީޓަރުގެ ސަރަހައްދެއްގައި އަލުން ތާރު އަޅާފައިވެއެވެ.

ފުރަތަމަ ދެ ސެގްމަންޓުގެ މަސައްކަތް ނިމުމާއެކު، މިއަދު ވަނީ ސެގްމަންޓް ތިނެއްގެ މަސައްކަތް ފަށާފައެވެ. މިއީ އިއްޒުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަހައްދެވެ. މި މަސައްކަތް ފެށުމަށްޓަކައި ރޭ ދަންވަރު 12:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާތީ، އެ މަގުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ސެގްމަންޓް ތިނެއްގެ ދަށުން 1،924 އަކަމީޓަރުގެ ސަރަހައްދެއްގެ ތާރު ނަގައި އަލުން ތާރު އެޅުމާއި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން، ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސެގްމަންޓް ހަތަރެއްގެ ދަށުން 1،148 އަކަމީޓަރުގެ ސަރަހައްދެއްގައި ވެސް މިފަދަ މަސައްކަތްތަކެއް ކުރިއަށްދާނެއެވެ.

އަމީނީ މަގުގެ މާފަންނާވީ ފަޅީގެ ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެ، ވަޅުގަނޑުތައް ހެދުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން ދިޔުމާ ގުޅިގެން ސަރުކާރުން މި މަސައްކަތް ފެށިއިރު، މާލޭގެ އެހެން ބައެއް މަގުތައް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ބޮޑުތަކުރުފާނު މަގުގެ ހުޅަނގުކޮޅު ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ވެސްޓް ޕާކް ސަރަހައްދުން ބައެއް ބަންދުކޮށްގެން ފެން ހިންދާ ނިޒާމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ