ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކޮށް ކުރިއެރުވުމަށްޓަކައި އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ވިޒިޓް މޯލްޑިވްސް އިޔަރ" ކެމްޕޭން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ކެމްޕޭނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާނުކުރައްވާފައިވާ މުހިންމު ހަރަކާތެކެވެ.
ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ކެމްޕޭން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީންގެ އިތުރުން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއަރޕާސަން ހުސައިން އަފީފެވެ.
މި ރަސްމިއްޔާތުގައި ކެމްޕޭންގެ ރަސްމީ ލޯގޯއާއި، ޝިއާރުގެ އިތުރުން ރަސްމީ ލަވަ އަދި ބްރޭންޑިން ވަނީ އިފްތިތާހުކޮށްފައެވެ. މީގެ އިތުރުން، އަންނަ އަހަރު ދިނުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ އެވޯޑު ދެވޭނެ މައިގަނޑު ދާއިރާތައްވެސް މި ރަސްމިއްޔާތުގައި ވަނީ އިއުލާނުކޮށްފައެވެ.
2022 ވަނަ އަހަރު މި އެވޯޑު ތައާރަފުކުރި ފަހުން މައިގަނޑު ގޮތެއްގައި ދެމުން އައިސްފައިވަނީ ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީ އުޅަނދުފަހަރާއި ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނަށެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު 4 ދާއިރާއަކަށް ބަހާލައިގެންނެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ އިތުރުން، އެ ހިދުމަތް ދިނުމުގައި ބައިވެރިވާ ފަރާތްތަކާއި، އެ ފަރާތްތަކުން ގެންގުޅޭ އުފެއްދުންތެރި ގޮތްތައްވެސް ފާހަގަކޮށް އަގުވަޒަންކުރުމެވެ.
އެވޯޑު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:
- އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ދާއިރާ: މި ދާއިރާގެ ދަށުން ދިނުމަށް ހަމަޖެހިފައިވަނީ މުވައްޒަފުންގެ ދުޅަހެޔޮކަމުގެ އެވޯޑާއި، މުވައްޒަފުންގެ ހުނަރު ތަރައްގީކުރުމުގެ އެވޯޑުގެ އިތުރުން، އަންހެނުން ބާރުވެރިކުރުމުގެ އެވޯޑެވެ.
- ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ: މި ދާއިރާއިން ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކުގެ ތެރޭގައި އިޖްތިމާއީ ޒިންމާ އަދާކުރުމާއި، ސަގާފަތާއި ތަރިކަ ދިރުވައި އާލާކުރުމުގެ އިތުރުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ދާއިރާ ހިމެނެއެވެ.
- ފަތުރުވެރިންގެ ތަޖުރިބާ މުއްސަނދިކުރުމުގެ ދާއިރާ: މި ދާއިރާގެ ދަށުން ޓްރެވަލް އޭޖެންސީގެ ހިދުމަތްތަކާއި، އެކޮމޮޑޭޝަން އަދި ޑައިވިން އާއި މޫދު ކުޅިވަރުގެ ހިދުމަތްތަކުގެ އިތުރުން، މުޅިން އަލަށް ތައާރަފުކުރެވޭ ރަށްރަށުގެ އެވޯޑު ހިމެނެއެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ ރަށު ކައުންސިލްތަކަށެވެ.
- ފަރުދީ ފެންވަރުގައި ފާހަގަކޮށްލެވޭ ޚިދުމަތްތެރިންގެ ދާއިރާ: މި ދާއިރާއިން ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކުގެ ތެރޭގައި ޓުއަރ ގައިޑިން، މަންޒިލް އިސްތިހާރުކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތްތައް، އީޖާދީ އުފެއްދުންތެރިކަން، ފަންނީ ހުނަރުތައް ތަރައްގީކުރުން، ހިދުމަތުގެ ފެންވަރު، އަދި ފަތުރުވެރިކަމުގެ ވާހަކަތައް އައު ގޮތްތަކުގައި ގެނެސްދޭ ޒުވާން ލީޑަރުންގެ އެވޯޑު ހިމެނެއެވެ.
މި އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ރަސްމީކޮށް ހުޅުވާލާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.