ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމުގެ މަގާމަށް، ހ. މީނާޒް، ޝަމްޢޫން ޙަމީދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި، ޝަމްޢޫން ވަނީ ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި ކުރައްވާފައެވެ. އޭނާއަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ. ހުވައި ކުރެއްވުމަށްފަހު، މަގާމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާއާ ޙަވާލުކުރައްވާފައެވެ.
ޝަމްޢޫން ޙަމީދަކީ އިންސާނީ ޙައްޤުތަކުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، 2010 އިން 2012 އަށް އެޗްއާރްސީއެމްގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރުކަން އަދި 2012 އިން 2016 އަށް އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އޭނާ ފުރުއްވިއެވެ.
މީގެއިތުރުން، ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) ރިޕޯޓު ކުރުމުގައި ކޮމިޝަނުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތަޢުލީމީ ފުރުޞަތުތަކާއި ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ޤައުމީ ދިރާސާތަކުގައި އޭނާ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން ޝަމްޢޫން ހުންނެވީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައެވެ.