ޕޯސްޓް މެދުވެރިކޮށް "ގްލޯބަލް ދުކާން" އިން ގަންނަ ތަކެއްޗަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭ ގޮތް ހަދައިފި

original_1757431906107

އޮންލައިންކޮށް ވިޔަފާރިކުރުމަށް ބޭނުންކުރާ މަގުބޫލު މަންސައެއް ކަމަށްވާ "ގްލޯބަލް ދުކާން" އިން މުދާ ގަންނަ ދިވެހި ކަސްޓަމަރުންނަށް، މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އިންތިޒާމު ތައާރަފުކޮށްފިއެވެ. މިއީ ބޭރު ފައިސާ އާއި ބައިނަލްއަގުވާމީ ކާޑުތައް ބޭނުންކުރުމުގެ ބަދަލުގައި، ދިވެހި ރުފިޔާއިން ފަސޭހަކަމާއެކު އަގު އަދާކުރުމަށް ހުޅުވައިދިން ފުރުސަތެކެވެ.

މޯލްޑިވްސް ޕޯސްޓުން ހާމަކޮށްފައިވާ ގޮތުގައި، މި ހިދުމަތް ހޯދުމަށްޓަކައި ޗެކްއައުޓް ކުރާ ވަގުތު "ޕޭ ތުރޫ މޯލްޑިވްސް ޕޯސްޓް" އިހުތިޔާރު ކުރަންޖެހެއެވެ. އެއަށްފަހު އެޕްލިކޭޝަނުން ދޭ އިރުޝާދުތަކާ އެއްގޮތަށް ފައިސާގެ މުއާމަލާތް ކުރިއަށް ގެންދެވޭނެއެވެ. އަދި ޝަރުތުހަމަވާ ކަސްޓަމަރުންނަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކުމަށްޓަކައި، ގްލޯބަލް ދުކާން އެޕްލިކޭޝަން މެދުވެރިކޮށް ހާއްސަ ޕޭމަންޓް ލިންކެއް ލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ގްލޯބަލް ދުކާން މެދުވެރިކޮށް އިންޑިއާގެ މަޝްހޫރު އީ-ކޮމާސް ޕްލެޓްފޯމްތައް ކަމަށްވާ އެމެޒޯން، މިންތުރާ، ފްލިޕްކާޓް، ނައިކާ އަދި އައިކިއާ ފަދަ ތަންތަނުން ވިޔަފާރިކުރެވޭނެއެވެ. މި ޕްލެޓްފޯމުން ވިޔަފާރިކުރުމަށް އިންޑިއާގެ އެޑްރެހެއް ބޭނުން ނުވާނެ ކަމަށާއި، މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓް ގުޅިގެން ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މުދާ ޑެލިވަރީ ކޮށްދޭނެ ކަމަށް ޕޯސްޓް އޮފީހުން ބުނެއެވެ.

މި ގެނެވުނު ބަދަލާއެކު، ދިވެހި ކަސްޓަމަރުންނަށް ފައިސާ ދެއްކުމުގެ މަރުހަލާ ކުރިއަށްވުރެ ބޮޑަށް ލުއިފަސޭހަވެ، ދުނިޔޭގެ ބާޒާރުން ވިޔަފާރިކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް މޯލްޑިވްސް ޕޯސްޓުން ދެކެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ