ގައުމު ބިނާކުރުމުގައި މުދައްރިސުންނަށް ބޭނުންވާ އެއްބާރުލުން އަބަދުވެސް ލިބޭނެ: ރައީސް

މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، ގައުމު ބިނާކުރުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި މުދައްރިސުންނަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުން އަބަދުވެސް ދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މުދައްރިސުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ހާއްސަ މެސެޖެއްގައި ރައީސް ވިދާޅުވީ، ދުނިޔެއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު ކުދިން ތަރުބިއްޔަތުކޮށް ކުރިއެރުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުދައްރިސުން ކަމަށެވެ. އެހެންކަމުން، ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް މުދައްރިސުން ކުރައްވާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކުރުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، މުދައްރިސުންގެ ހައްގުގައި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ ބައެއް މުހިންމު ކަންކަމަށް ރައީސްގެ މެސެޖުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މުދައްރިސުންގެ ސިއްހީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމާއި، މަސައްކަތުގެ ބުރަ ކުޑަކޮށްދީ، ހިތްފަސޭހަ މަސައްކަތުގެ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، އެއްވެސް ކުއްޖަކު ބާކީނުކޮށް އެންމެން ޝާމިލުވާ ތައުލީމީ ނިޒާމެއްގެ ތެރެއިން ކިޔަވައިދިނުމަށާއި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގަންނައިދިނުމުގައި މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ފުރިހަމަ ގާބިލުކަމާ ހަމައަށް ވާސިލުވެވޭނެ ފަދަ އަމާން އަދި އުފެއްދުންތެރި މާހައުލެއް ފަހިކޮށްދިނުމުގައި ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފައެވެ. ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ