ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، ކިޔަވައިދިނުމުގެ ދާއިރާއަށް ކުރިމަތިވަމުންދާ އައު ގޮންޖެހުންތަކާއެކުވެސް، މުދައްރިސުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ، ޤައުމުގެ މުސްތަޤުބަލާއި ދަރިންގެ ކުރިމަގު ބައްޓަންކުރުމުގައި މުދައްރިސުން ކުރަމުންދާ ބުރަ މަސައްކަތްތަކަކީ އަބަދުވެސް ބަލައިގަންނަންޖެހޭ ކަމެއް ކަމަށެވެ. އަދި އެ ފަރާތްތަކުން ކުރާ މުހިންމު ޚިދުމަތްތަކަށް މުޅި މުޖުތަމަޢުގެ ޝުކުރާއި އެއްބާރުލުން ޙައްޤުވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ތަޢުލީމީ ދާއިރާ ތަރައްޤީވަމުން އަންނައިރު ކުރިމަތިވާ އައު ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި މުދައްރިސުން ބާރުވެރިކުރުވުމުގެ މުހިންމުކަމުގެ މައްޗަށް ނައިބު ރައީސް އަލިއަޅުއްވާލެއްވިއެވެ. މުދައްރިސުންނަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ ޤައުމުގެ ކުރިމަގަށްޓަކައި ކުރެވޭ އަގުހުރި އިންވެސްޓްމަންޓެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.