މަސްވެރިކަމާއި ގުޅޭ

ހުޅު ފަންހާމަސް - ފޮޓޯ: ވިކީޕިޑިއާ

ހުޅު ފަންހާމަސް

ހުޅު ފަންހާމަހަކީ ރާއްޖޭގެ ފަރުފަޅުތަކުގައި 30 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި އުޅޭ ފަންހާމަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން ފެންނަ އެއް ބާވަތެވެ.

ފަންހާމަހުގެ ބާވަތްތަކަށް ވަކި ޚާއްސަ ނަންތަކެއް އަޅުގަނޑުމެންގެ ތެރޭގައި ކިޔާ ނޫޅޭތީ މިބާވަތުގެ ފަންހާމަހުގެ ކުލައަށާއި، މަހަށް ސައިންޓިފިކް ގޮތުން ކިޔާފައިވާ ނަމަށް ވިސްނާ "ހުޅު ފަންހާމަސް " ކިޔާ ނަންދީފައިވަނީއެވެ.

ހުޅު ފަންހާމަހުގެ ބުރަކަށިމަތީގައި ވަރަށް ތޫނު އަދި އޭގައި އިންސާނާއަށް ނުރައްކާތެރި ވިހައެއް އެކުލެވޭ ކަށިތަކެއްހުރެއެވެ. މިއީ މަހުގެ ދިފާޢަށް ބޭނުންކުރާ ކަށިތަކެކެވެ. މިމަސް ހިފާ ގެންގުޅެންޖެހޭނީ ވަރަށް ބަލައިގެންނެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މަހެއް ނޫނެވެ. ދިރޭކުދިމަހުގެ ވިޔަފާރިކުރާ ފަރާތްތަކުން މިބާވަތުގެ ފަންހާމަސް ރާއްޖެއިން ބޭރުކުރެއެވެ. އަދި މޫދުމަސް ގެންގުޅޭ ފަރާތްތަކުން މިބާވަތުގެ މަސް ގެންގުޅުމަށް ޝައުގުވެރިވެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 12 ނުވަތަ 13 ހަރުކަށްޓާއެކު 11 މަޑުކަށްހުރެއެވެ. މަހުގެ ކަންފަތްގަޑު ދިގުވެފައި ނިގޫފަތް ގާތްގަޑަކަށް ކޮޅާހަމައަށް ފޯރައެވެ. މަހުގެ ކުލައަކީ ރަތްމުށިކުލައެވެ. ފަންހާމަހުގެ އެހެން ބާވަތްތަކަށްވުރެ މިބާވަތުގެ ފަންހާމަހުގެކުލަ ރަތްކަންގަދަ އެވެ. އަދި ކޮތަރިތައް ހުންނަނީ ހުޅުކޮޅެއްފަދަ ގަދަ މައެއްގައެވެ. މަހުގެ ދެއަރިމަތީގައި ފުޅާރޮނގުތަކެއް ހުރެއެވެ. މަހުގެ ކޮތަރިތަކުގައްޔާއި ނިގޫފަތުގައި އެހެނިހެން ފަންހާމަހުގައި ހުންނަފަދަ ހުދުކުލައިގެ ލައްތަކެއް ނުހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 20 ސެންޓިމީޓަރަށެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Clearfin lionfish, Clearfin turkeyfish

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!