މާލޭ ސަރަހައްދުގައި ދިމާވާ ޓްރެފިކް މައްސަލަތަކަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމާ ގުޅޭގޮތުން، ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހާއި ދިވެހި ފުލުހުންގެ ހިދުމަތާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ފުލުހުންގެ މައި އިދާރާ ކަމަށްވާ ޝަހީދު ހުސައިން އާދަމް ބިލްޑިންގުގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޔޫސުފް މާނިއު އާއި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދެވެ.
ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މާލޭ ސަރަހައްދުގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންނެވެ. އަދި މަގުމަތީގެ އަމާންކަން ގާއިމުކުރުމަށްޓަކައި ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ދެ ބޭފުޅުން ހިޔާލު ބަދަލުކުރެއްވިއެވެ.
މާލޭގެ ކޮންޖެސްޝަނާއި ޓްރެފިކް މައްސަލަތަކަކީ އާންމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަކަށް ވާއިރު، މިފަދަ ބައްދަލުވުންތަކުގެ ސަބަބުން މައްސަލަތަކަށް އަވަސް އަދި ހަރުދަނާ ހައްލުތަކެއް ލިބިގެންދާނެ ކަމަށް ދެ ފަރާތުންވެސް އުންމީދު ކުރެއެވެ.