ދޯނިފަހަރުގައި ގެންނަ ކުނި ވަކިނުކުރާނަމަ ބަލައިނުގަންނަން ވެމްކޯއިން ނިންމައިފި

ވެމްކޯ ތިލަފުށި ސައިޓު. ފޮޓޯ: ވެމްކޯ
ވެމްކޯ ތިލަފުށި ސައިޓު. ފޮޓޯ: ވެމްކޯ

ތިލަފުށީގައި ހުންނަ ރީޖަނަލް ވޭސްޓް ފެސިލިޓީއަށް ދޯނިފަހަރުގައި އުފުލާ ކުނި ބަލައިގަންނާނީ އެ ތަކެތި ވަކިކޮށްގެން ގެނައުމުން އެކަނި ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތިލަފުށީގެ މަރުކަޒަށް ކުނި ގެނައުމާއި ހިދުމަތް ދިނުމުގެ އުސޫލުގައި ކުނި ވަކިކުރުމަށް ކަނޑައަޅާފައި އޮތް ނަމަވެސް، ގިނަ ދޯނިފަހަރުން އަދިވެސް ކުނި ގެންނަނީ އެއްކޮށްގެން ކަމަށެވެ. މީގެ ސަބަބުން ކުނި ރައްކާތެރި ގޮތުގައި ނައްތާލުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތަކަކާއި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

އެ ކުންފުނިން ހާމަކުރި ގޮތުގައި، ތިލަފުށީ ފެސިލިޓީއަށް ގެންނަ ކުނި ހުންނަންވާނީ ގަސްކުނި، ބަދިގެކުނި، ޕްލާސްޓިކް، ދަގަނޑު، ލަކުޑި، ބިއްލޫރި އަދި އެހެނިހެން ކުނި ވަކިން ގިންތިކޮށްފައެވެ. މީގެއިތުރުން، ކުނި ބަރުކުރުމުގައި ޖަމްބޯ ބޭގް ނުވަތަ ކާގޯ ނެޓް ބޭނުންކުރުމަށް ވެސް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. މިއީ ދޯނިފަހަރުން ކުނި ބޭލުމަށް ހޭދަވާ ވަގުތު ކުޑަކޮށް، ހިދުމަތް ހޯދާ ފަރާތްތަކަށާއި ކުންފުންޏަށް ލުއިފަސޭހަގޮތް ހޯދައިދިނުމަށް އެޅި ފިޔަވަޅެކެވެ.

ވެމްކޯގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދޯނިފަހަރުގައި ގެންނަ އިމާރާތްކުރުމާއި ތަޅާލުމުގައި އުފެދޭ ގާކުނި ތިލަފުށީ މަރުކަޒުން ބަލައިނުގަންނާނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކުނި ވަކިނުކޮށް ގެނައުމުގެ ސަބަބުން އަނބުރާ ފޮނުވާލެވޭ އުޅަނދުފަހަރުގެ މައުލޫމާތު، ކަމާބެހޭ މުއައްސަސާތަކާ ހިއްސާކުރާނެ ކަމަށްވެސް އެ ކުންފުނިން ވަނީ އިންޒާރުދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ