ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ސޯޝަލް ހައުސިން ފްލެޓްތަކުގެ ތެރެއިން "އަމާން އުދަރެސް" ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުންގެ ޓީމުތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އަމާން އުދަރެސްގެ 8 ވަނަ ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި މަރުވި މީހާއާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ ފިރިހެނެއް ކަމަށް މައުލޫމާތު ލިބެއެވެ. އެ ސަރަހައްދުން ފެނުނު މަންޒަރުތަކަށް ބަލާއިރު، އޭނާ ވެއްޓުނު ބާރުމިނުގެ ސަބަބުން ހަށިގަނޑަށް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އެގޮތުން އޭނާގެ ބޯ ދެފަޅިވެ، ހަށިގަނޑުގެ ބައެއް މަސްކޮޅުތައް އެ ސަރަހައްދުގެ އެކި ދިމާދިމާލަށް ބުރައިގެން ގޮސްފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.
މި މީހާ ވެއްޓިފައިވަނީ އަމާން އުދަރެސްގެ 8 ވަނަ ޓަވަރުގެ ކިތައްވަނަ ބުރިން ކަމެއް އަދި ސާފެއް ނުވެއެވެ. ފުލުހުން ދަނީ މި ހާދިސާ ހިނގި ގޮތް އިތުރަށް ތަހުގީގު ކުރަމުންނެވެ.