ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާންތައް ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތައް އެ އޮފީހުން ދޮގުކޮށްފިއެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ޙުސައިން ޝަރީފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރައީސް މުޢިއްޒުގެ މާލީ ބަޔާން ނުވަތަ 'އެސެޓް ޑެކްލެރޭޝަން' އަކީ އެ އޮފީހުގެ ރަސްމީ ވެބްސައިޓުން ކޮންމެ ބޭފުޅަކަށްވެސް ޕީޑީއެފް ފޯމެޓުގައި ފަސޭހަކަމާއެކު ޑައުންލޯޑް ކުރެވޭ ގޮތަށް މިހާރުވެސް އާންމުކޮށްފައިވާ މަޢުލޫމާތެއް ކަމަށެވެ. އަދި މި މަޢުލޫމާތު ވެބްސައިޓުން ފެންނަން ހުންނާނެކަން މީގެ ކުރިންވެސް މީޑިއާތައް މެދުވެރިކޮށް އާންމުކޮށް އިޢުލާން ކުރެވިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ތަރުޖަމާންގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއާ ގުޅުވައިގެން ހަޤީޤަތާ ޚިލާފު ދޮގު ޚަބަރުތައް ފަތުރަމުންދަނީ ސިޔާސީ މަޤްޞަދެއްގައި ކަމަށެވެ. އަދި މިފަދަ ދޮގު މަޢުލޫމާތުތަކުގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދިނުމުގައި ސަރުކާރުން ފަސްނުޖެހޭނެ ކަމުގެ ޔަޤީންކަންވެސް އޭނާ ދެއްވިއެވެ.