އެސްއެމްއީ ޑިޖިޓަލް އިން ޑޮލަރުން އަނބުރާ ދައްކާ ގޮތަށް ގެސްޓްހައުސް ފައިނޭންސިން ތައާރަފުކޮށްފި

Customer_Front_58cd1b68af

ރާއްޖޭގެ ލޯކަލް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ހާއްސަކޮށްގެން، ޔޫއެސް ޑޮލަރުން ފައިސާ އަނބުރާ ދައްކާ ގޮތަށް އެސްއެމްއީ ޑިޖިޓަލް އިން "ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިން" ތައާރަފުކޮށްފިއެވެ. މިއީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ފަތުރުވެރިކަމުން ލިބޭ ޑޮލަރުގެ އާމްދަނީ ދައުރުކުރުން އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ތައާރަފުކުރި ފެސިލިޓީއެކެވެ.

މި ފެސިލިޓީގެ ދަށުން 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ފައިސާ އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭއިރު، މީގެ ތެރޭގައި ގިނަވެގެން 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ. މި ފެސިލިޓީއަށް ކަނޑައަޅާފައިވަނީ އަހަރަކު 7.5 އިންސައްތައިގެ ކުޑަ ފައިދާ ރޭޓެކެވެ.

އެސްއެމްއީ ޑިޖިޓަލް އިން ހާމަކުރި ގޮތުގައި، މި ފައިނޭންސިން ބޭނުންކުރެވޭނީ އާ ގެސްޓްހައުސްތައް ބިނާކުރުމަށާއި، މިހާރު ހިންގާ ތަންތަން ފުޅާކުރުމަށާއި، މަރާމާތުކޮށް ޒަމާނީ ކުރުމަށެވެ. މީގެ އިތުރުން، ވޯކިން ކެޕިޓަލް ހަމަޖެއްސުމަށާއި ޓެކްނޮލޮޖީގެ އާ އީޖާދުތައް ތައާރަފުކުރުމަށް ވެސް މި ފުރުސަތު ބޭނުންކުރެވޭނެއެވެ.

މިކަމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ޑޮލަރުން އާމްދަނީ ލިބޭ ގެސްޓްހައުސްތަކަށް މިއީ ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ފުރުސަތެއް ކަމަށެވެ. އޭނާ ވިދާޅުވީ އަމާޒަކީ ލޯކަލް ޓޫރިޒަމަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށް، ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެއްބާރުލުން ދިނުން ކަމަށެވެ.

މި ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ