ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދޭން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ފުރުސަތުތައް ފަހިކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މިނިސްޓްރީ
ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ފުރުސަތުތައް ފަހިކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މިނިސްޓްރީ

ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހި ޒުވާނުންނަށް ތަމްރީނާއި އަމަލީ ތަޖުރިބާގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ވަޒީރު މުޙައްމަދު އަމީން އެވެ. އަދި ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މި އެއްބަސްވުމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާޢަތް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް އަމަލީ ތަމްރީނުދީ، ކާމިޔާބު މުސްތަޤުބަލެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމެވެ. މި ޕްރޮގްރާމުގެ ދަށުން ބައިވެރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ރިސޯޓުތަކާއި، ހޮޓާތަކުގެ އިތުރުން ގެސްޓްހައުސްތަކުގައި ތަމްރީނު ހާސިލުކުރާނެއެވެ.

މި ތަމްރީނުތައް ކުރިއަށްދާނީ ދާއިރާގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުންނެވެ. މީގެ އިތުރުން، ތަމްރީނު ފުރިހަމަކުރާ މުއްދަތުގައި ބައިވެރިންނަށް މާލީ އިނާޔަތެއް ދިނުމަށް ހަމަޖެހިފައިވާއިރު، ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ރަސްމީކޮށް ޤަބޫލުކުރާ ސަނަދެއް ދިނުމަށް ވަނީ ނިންމާފައެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ވަޒީފާގެ ފުރުސަތުތަކެއް ބިނާކުރުމަށް އެޅޭ މުހިންމު ބިންގަލެކެވެ.

މި އިސްނެގުމުގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ދިވެހި އަންހެނުންގެ ނިސްބަތް އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެވޭނެއެވެ. އެގޮތުން ދެ ވުޒާރާ ގުޅިގެން ސިނާޢަތުގެ ބައިވެރިންނާއެކު މަޝްވަރާކޮށް، ޒުވާން އަންހެނުން މި ދާއިރާއަށް ޝައުގުވެރިކުރުވުމަށް މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ.

މި ޕްރޮގްރާމުގެ ދަށުން ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމާއި ސިނާޢަތުގެ ބައިވެރިވުން އިތުރުކުރުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މަސައްކަތް ކުރާއިރު، ޒުވާނުންގެ މެދުގައި މި ޕްރޮގްރާމް އިޝްތިހާރުކުރުމާއި، އެޕްލިކޭޝަންތައް ވިލަރެސްކުރުމުގެ އިތުރުން ތަމްރީނާއި ސަނަދު ދިނުމުގެ ކަންކަން ބަލަހައްޓާނީ ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ