ރާއްޖޭގެ ރަށްތައް ޖިއޮގްރަފީ ގޮތުން ވަކިވަކިން އޮތް ނަމަވެސް، އެ ދުރުމިނަކީ ކެންސަރު ބަލި ދެނެގަތުމަށާއި އެ ބައްޔަށް ފަރުވާ ހޯދުމަށް އޮތް ހުރަހަކަށް ވެގެންނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ "ބްރެސްޓް ކެންސަރ އެވެއަރނަސް ސިމްޕޯސިއަމް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަސްޓް ލޭޑީ ވިދާޅުވީ ކެންސަރަށް ފަރުވާ ދިނުމަކީ ހަމައެކަނި ކްލިނިކަލް ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށާއި، އެއީ މުޅި ސިއްހީ ނިޒާމާ ގުޅިފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެންކަމުން، މުޅި ރާއްޖޭގައި އުރަމަތީގެ ކެންސަރާ ގުޅޭ ހިދުމަތްތައް ފުޅާކޮށް، ބަލިމީހުން ފަރުވާއަށް ފޮނުވުމުގެ ނިޒާމު ނުވަތަ ރިފަރަލް ޕާތުވޭސް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
ބަލި ދުރާލާ ދެނެގަތުމަށްޓަކައި ފެންވަރު ރަނގަޅު މެމޮގްރަފީ، އަލްޓްރާސައުންޑް، ބަޔޮޕްސީ އަދި ޕެތޮލޮޖީގެ ހިދުމަތްތައް މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވަމުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ. އަދި މިފަދަ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭނީ އެކަމަށް ހާއްސަ ފަންނީ މާހިރުން ސިއްހީ ދާއިރާގައި ތިބެގެން ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ކެންސަރުގެ ފަރުވާގައި ހަރަކާތްތެރިވާ އެކި ދާއިރާތަކުގެ މާހިރުން ކަމަށްވާ ރޭޑިއޮލޮޖިސްޓުންނާއި، ސާޖަނުންނާއި، އޮންކޮލޮޖިސްޓުންގެ އިތުރުން ނަރުހުން ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ބަލިމީހުންނަށް އެންމެ ފުރިހަމަ ފަރުވާ ދިނުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އަންހެނުން އަމިއްލަ ސިއްހަތަށް ސަމާލުކަންދީ، ޑޮކްޓަރަށް ދެއްކުން ފަސްނުކުރުމަށް އިލްތިމާސްކުރައްވަމުން، ކެންސަރު ތަހައްމަލުކުރާ ކޮންމެ މީހެއްގެ ފަހަތުގައިވަނީ އިންސާނީ ފުރާނައެއްކަން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށް ވިދާޅުވިއެވެ.