ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ގެ ބޯޑަށް މެންބަރުން އައްޔަންކުރައްވައި، އެ ކުންފުނީގެ ބޯޑު ރަސްމީކޮށް އެކުލަވާލައްވައިފިއެވެ.
މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް އުފެއްދެވި ކުންފުންޏެކެވެ. މީގެ އިތުރުން، މިސްކިތްތައް ބިނާކުރުމާއި، މަރާމާތުކުރުމުގެ އިތުރުން އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަކީ ވެސް މި ކުންފުނީގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މި ކުންފުނި އުފައްދަވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.
އަލަށް އެކުލަވާލި ބޯޑުގެ ޗެއަރޕާސަންގެ މަގާމަށް އައްޔަންކުރައްވާފައިވަނީ އައްޝައިހް އިއްޒައްދީން އަދުނާނެވެ. އަދި މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަންކުރައްވާފައިވަނީ ޔާމީން އިދްރީސެވެ.
މި ދެ ބޭފުޅުންގެ އިތުރުން ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ ހުސައިން ޝާމް އާދަމް، ޑރ. މުހައްމަދު ޝުޖާއު، މަރްޔަމް ނިހާޔަތު، އަބްދުﷲ އަލީ އަދި މުހައްމަދު ހިލްމީއެވެ.