މާލޭގެ ސޯސަން މަގުގައި މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ދަންވަރު ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ތ. ދިޔަމިގިލި، އައްސޭރި، މާހު ހަސަން (21އ) އެވެ. އޭނާ އެންމެ ފުރަތަމަ ބަންދުކުރީ 15 ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމާފައެވެ.
ފުލުހުންގެ ތަހުގީގުން އެނގޭ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ މާހު ދުއްވި ސައިކަލް ބާރު ސްޕީޑެއްގައި، ނުރައްކާތެރިކޮށް ޒިގްޒެގް ކޮށް ދުއްވަނިކޮށް އެހެން ސައިކަލެއްގައި ޖެހިގެންނެވެ. އެކްސިޑެންޓް ހިނގިއިރު އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ވެސް ކޯޓު އަމުރުން އެނގެއެވެ. މީގެ އިތުރުން، މިއަހަރުގެ ތެރޭގައި ވެސް ލައިސަންސް ނެތި ދުއްވައިގެން ހަތަރު ފަހަރެއްގެ މަތިން އޭނާ ހިފަހައްޓައި ޖޫރިމަނާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން، އަނެއް ސައިކަލުގެ ފަހަތުގައި އިން ށ. ފޯކައިދޫ، މަގުމަތީގޭ، އާއިޝަތު މާހިދާ (26އ) އަށް ސިކުނޑީގެ ބޮޑެތި އަނިޔާތަކެއް ލިބިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، މިދިޔަ މަހުގެ 25 ވަނަ ދުވަހު ވަނީ ނިޔާވެފައެވެ.
ކޯޓުގައި މާހު ވަނީ އޭނާއަށް ވެސް އަނިޔާވެފައިވާތީ ބަންދަށް ލުޔެއް ދިނުމަށް އެދިފައެވެ. ނަމަވެސް، އޭނާ ވަކީލެއްގެ ފުރުސަތު ބޭނުންނުވާ ކަމަށް ބުނުމުން، ގާޒީ އިބްރާހިމް ޒިހުނީ ވަނީ ވަކީލަކާ ނުލައި ދައްކާ ވާހަކަތައް އޭނާއާ ދެކޮޅަށް ބޭނުންކުރެވިދާނެ ކަމަށާއި ހަނުހުރުމުގެ ހައްގު އޮތްކަން ހަނދާންކޮށްދެއްވާފައެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން، ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެ ނަމަ 100,000 ރުފިޔާ އާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެއެވެ. އަދި މީގެ އިތުރުން ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ދައުވާ ވެސް އެފަދަ ފަރާތްތަކުގެ މައްޗަށް އުފުލޭނެއެވެ.