އީ-ކޮމާސް ވިޔަފާރިތަކާއެކު މެއިލްގެ ޚިދުމަތްތަކަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ބޮޑެތި ޕާރުސަލްތައް ދޫކުރުމަށް ޚާއްޞަކޮށްގެން މޯލްޑިވްސް ޕޯސްޓް ބިލްޑިންގުގެ ގްރައުންޑް ފްލޯގައި "ޕިކްޕޯސްޓް" ސްޓޭޝަނެއް އަލުން ހުޅުވައިފިއެވެ.
މި ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އഓފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަޙްމަދެވެ.
މޯލްޑިވްސް ޕޯސްޓުން ހާމަކުރި ގޮތުގައި، މި ބަދަލަކީ އެ ކުންފުނީގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް، ޑެލިވަރީގެ ނިޒާމު ޒަމާނީ ފެންވަރަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ. އަލުން ހުޅުވުނު މި ސްޓޭޝަނަކީ އީ-ކޮމާސް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރާ ބޮޑެތި ޕާރުސަލްތައް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ދޫކުރުމަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ތަނެކެވެ.
މި ގެނެވުނު ބަދަލާއެކު، މޯލްޑިވްސް ޕޯސްޓުގެ ޑެލިވަރީ ނިޒާމު އިތުރަށް ހަރުދަނާވެ، ބޮޑެތި ޕާރުސަލްތައް ނެގުމުގައި ކަސްޓަމަރުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މިއީ ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބޭ ތަޖުރިބާގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅުވެގެންދާނެ ކަމެއް ކަމުގައިވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
ޕޯސްޓުގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ އަދި ޑެލިވަރީ ނިޒާމު ޒަމާނީކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން، ޤައުމުގެ އިސް ވިޔަފާރި ފަހިކޮށްދޭ ފަރާތެއްގެ ގޮތުގައި މޯލްޑިވްސް ޕޯސްޓުން އަދާކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.